ސަންޓޯސް (މާޗް 9) - ބްރެޒިލުން މި މަހު ކުޅޭ އެކުވެރިކަމުގެ ދެ މެޗަށް ނެގި ސްކޮޑުގެ ޕްރިލިމިނަރީ ލިސްޓުގައި، ސަންޓޯސްގެ ތަރި، ނޭމާ ހިމަނާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އިޓަލީގެ ކޯޗު، ކާލޯ އަންޗެލޮޓީ، ބްރެޒިލްގެ ކޯޗުކަމާ ހަވާލުވި ފަހުން، ނޭމާ، 34، އަދި ބްރެޒިލް ގައުމީ ޓީމަށް މެޗެއް ކުޅެފައިނުވެ އެވެ. އަންޗެލޮޓީ ބުނަމުން އައީ ޓީމަށް ނަގަނީ އެ މެޗެއް ކުޅޭ ދުވަސްވަރެއްގައި އެންމެ ރަނގަޅަށް ފިޓްނަސް ލެވަލް ހުރި ޓީމަށް ބޭނުންކުރެވޭނެ ކުޅުންތެރިން ކަމަށެވެ.
ބްްރެޒިލް ގައުމީ ޓީމަށް ގަވާއިދުން ކުޅެމުން އަންނަ ރެއާލް މެޑްރިޑްގެ ރޮޑްރީގޯގެ ކަކުލަށް ސީރިއަސް އަނިޔާއެއް ކުރިމަތިވެ، މި ފަހަރުގެ ވޯލްޑް ކަޕްގައި އޭނާ އަށް ނުކުޅެވޭނެ ކަަން ޔަގީންވެފައިވާއިރު، އެ މަގާމަށް ތަޖުރިބާހުރި ރަނގަޅު ކުޅުންތެރިއަކު ނަގަން އަންޗެލޮޓީ އަންނަނީ ވިސްނަމުންނެވެ.
އެ ގޮތުން، ކަކުލުގެ އަނިޔާއަކުން ރިކަވާވެގެން، ސަންޓޯސް އަށް ކުޅެމުން އަންނަ ނޭމާގެ ނަން ޕްރިލިމިނަރީ ލިސްޓުގައި ހިމަނައި، އަންޗެލޮޓީ އަދި ބްރެޒިލްގެ ކޯޗިން ޓީމުން ނޭމާގެ ކަންކަން މޮނިޓާކުރަން ފަށާފައިވާ ކަމަށް ބްރެޒިލްގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު، ކުރީގެ ކްލަބް، ސަންޓޯސް އަށް ނޭމާ ސޮއިކުރީ، ހަ މަސް ދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ. ދެ ވަނަ ފަހަރަށް ކޮންޓްރެކްޓް އާ ކުރީ މިދިޔަ އަހަރުގެ ނިޔަލަށެެވެ. އަދި، އޭގެ ފަހުން ވެސް ކޮންޓްރެކްޓް އާ ކުރުމުގެ ވާހަކަތައް ސަންޓޯސްއާ އެކު ފަށައި، މި ސީޒަނުގެ ނިޔަލަށް އެއްބަސްވުމެއް ހެދި އެވެ. ސަންޓޯސް އިން އެންމެ ފުރަތަމަ ބޭނުންވީ އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ކުޅޭ ފީފާ ވޯލްޑް ކަޕާ ހަމައަށް ނޭމާ އެ ޓީމުގައި މަޑުކުރުވުމަށެވެ. އެކަމަކު، އެ ކްލަބާ އެކު ކުރިއަށްގެންދިޔަ މަޝްވަރާތަކަށް ފަހު ނޭމޭ ނިންމީ މި އަހަރުގެ ޑިސެމްބަރުގެ ނިޔަަލަށް އެ ކްލަބާ އެކު ކޮންޓްރެކްޓް ހެދުމަށެވެ.
ބްރެޒިލްގެ ޓީވީ އަކަށް ދާދި ފަހުން، ދިން އިންޓަވިއުއެއްގައި ނޭމާ ބުނެފައިވަނީ، ކުރިއަށް އޮތްތަނުގައި ވާނެ ގޮތެއް ބުނަން ނޭނގޭ ކަމަށެވެ.
"ފަހަރެއްގައި ޑިސެމްބަރު އަންނައިރު އަހަރެން ބޭނުންވެދާނެ ރިޓަޔާކުރަން. އަހަރެން މިހާރު، ކުޅުމުގެ ކެރިއަރުގައި މި އުޅެނީ ކޮންމެ އަހަރަކު ވެސް ވަރަށް ވިސްނާފައި،" ބްރެޒިލް ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ނޭމާ ބުންޏެވެ.
ބްރެޒިލް ގައުމީ ޓީމަށް 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެންމެ ފަހުން ކުޅުނު ނޭމާ ބުނީ، މި އަހަރު ވޯލްްޑް ކަޕްގައި ކުޅޭ ބްރެޒިލް ސްކޮޑަށް އެރުމަކީ އެންމެ ބޮޑު އަމާޒު ކަމަށެވެ. އަަދި، ހަށިގަނޑަށް ބަލައިގެން، ވީހާވެސް މަސައްކަތް ކޮށްގެން ބޭނުންވަނީ ވޯލްޑް ކަޕަށް ފިޓްވުމަށް ކަމަށް ނޭމާ ވަނީ ބުނެފަ އެވެ.
ނޭމާ، ބްރެޒިލް ޓީމުގެ ޕްރިލިމިނަރީ ލިސްޓް އަށް ނޭމާ، ބްރެޒިލް ޓީމުގެ ޕްރިލިމިނަރީ ލިސްޓް އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ