ތެޔޮ އެތެރެކުރަން ރާއްޖެއިން ކުރާ ޚަރަދަށް ދުވާލަކަށް އެއް މިލިއަން ޑޮލަރު އިތުރުވާނެ ކަމަށް ބެލެވޭ: އަންޑޭ
ހަނގުރާމައިގެ ސަބަބުން، ރާއްޖެއިން ތެޔޮ އެތެރެކުރަން ކުރަންޖެހޭ ޚަރަދުން ދުވާލެއްގެ މައްޗަށް އެއް މިލިއަން ޑޮލަރު އިތުރުވާނެ ކަމަށް ބެލެވޭކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަޙްމަދު މުޙައްމަދު (އަންޑޭ) މިރޭ ވިދާޅުވެއްޖެއެވެ. އޭނާ އެފަދައިން ވިދާޅުވެފައިވަނީ މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައާއި ގުޅިގެން ތެލުގެ އަގު ވަރަށް ބޮޑަށް އުފުލެމުން އަންނަ ދަނޑިވަޅެއްގައެވެ. ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިއަދު 120 އެމެރިކާ ޑޮލަރަށް ވަނީ އުފުލިފައެވެ. އެ ކަމާ ގުޅިގެން 'ސަން'އާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ރާއްޖޭގައި ކަރަންޓު އުފެއްދުމާއި ދަތުރުފަތުރާއި މުދާ އުފުލުމުގެ ނިޒާމު މުޅިންހެން ބަރޯސާވެފައިވަނީ ރާއްޖެއިން ބޭރުން އެތެރެކުރާ ތެލަށް ކަމަށްވުމުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ލޮޅުންތަކުގެ ނުރައްކާ ރާއްޖޭގެ އިގުތިސާދަށް އިންތިހާއަށް ބޮޑު ކަމަށެވެ. https://x.com/ahmedMDV/status/2030983289205584321 އެ ގޮތުން، މިދިޔަ އަހަރު ރާއްޖެއަށް ގާތްގަނޑަކަށް 710 މިލިއަން ޑޮލަރުގެ ތެޔޮ އެތެރެކޮށްފައިވާއިރު އެއީ ގައުމަށް އެތެރެކުރި ޖުމުލަ މުދަލުގެ އަގުގެ ގާތްގަނޑަކަށް 20 އިންސައްތަކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި، މިހާރު ކުރިމަތިވެފައިވާ ހާލަތުގެ ކުރިން ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ ގާތްގަނޑަކަށް 70 ޑޮލަރުގައި ކަމަށާއި ނަމަވެސް، މިހާރު ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށްވުރެ މަތީގައި ހުރުމުން އެއީ ގާތްގަނޑަކަށް 40 އާއި 50 އިންސައްތައާ ދެމެދުގެ ބޮޑުވުމެއްކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އަންޑޭ ވިދާޅުވީ، އަގުތައް މިގޮތުގައި ދެމިހުރެއްޖެނަމަ، ރާއްޖެއިން ތެލަށް ކުރާ ހޭދަ އަހަރަކު ގާތްގަނޑަކަށް 300 އާއި 350 މިލިއަން ޑޮލަރާ ދެމެދުގެ މިންވަރަކަށް އިތުރުވާނެ ކަމަށާއީ އެއީ ދުވާލަކަށް ބަލާނަމަ ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރުގެ އިތުރު ޚަރަދެއް ކަމަށެވެ. ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް އުފުލުމަކީ ރާއްޖެއަށް ހަމައެކަނި ހަކަތައާ ގުޅުންހުރި މައްސަލައެއް ނޫން. އެއީ ގައުމުގެ 'ބެލެންސް އޮފް ޕޭމަންޓްސް' ނުވަތަ ރާއްޖެއިން ބޭރަށް ފައިސާ ދެއްކުމުގެ ޤާބިލުކަމަށް ސީދާ އަސަރުކުރާ މާލީ ގޮންޖެހުމެއް،ކުރީގެ އިކޮނޮމިކް މިނިސްޓަރު އަޙްމަދު މުޙައްމަދު (އަންޑޭ) އޭނާ ވަނީ ތެލުގެ އަގު އުފުލުމުން އޭގެ ނޭދެވޭ އަސަރު، ހަމައެކަނި ހަކަތައިގެ އަގުތަކަށްވުރެ މާ ފުޅާވާނެ ކަމަށް ވިދާޅުވެފައެވެ. ތެލުގެ އަގު އުފުލުމުގެ ސަބަބުން، އިމްޕޯޓަށް ކުރާ ޖުމުލަ ހޭދަ ބޮޑުވެ، ބޭރު ފައިސާގެ ޑިމާންޑް އިތުރުވުމުގެ ސަބަބުން ދައުލަތުގެ ބޭރު ފައިސާގެ މުއާމަލާތްތަކަށް ބާރުބޮޑުވެގެންދާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން، މުޅި އިގުތިސާދުގެ ތެރޭގައި ހިމެނޭ ކަރަންޓު އުފެއްދުމާއި، ދަތުރުފަތުރާއި، ވައިގެ ދަތުރުފަތުރުގެ ޚަރަދުތައް ވެސް އުފުލޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/218923 "ދިވެހިރާއްޖެއަށް ދުނިޔޭގެ ސިޔާސީ މަސްރަޙަށް އަންނަ ލޮޅުންތަކުގެ އަސަރު ފޯރަނީ ހަމައެކަނި ސިޔާސީ ( ޖިއޯ ޕޮލިޓިކަލް) ކަމެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި، މިފަދަ ކަންކަމުގެ ނަތީޖާއަކަށް ވަނީ ތެލުގެ އަގު އުފުލި، މުދާ އެތެރެކުރުމަށް ކުރަންޖެހޭ ޚަރަދުތައް އިތުރުވެ، ބޭރު ފައިސާ ހޯދުމަށް ދަތިތަކާ ކުރިމަތިވުމެވެ،" އަންޑޭ ފާހަގަކުރެއްވިއެވެ. އަންޑޭ ވަނީ ރާއްޖެ ފަދަ ފަތުރުވެރިކަމަށް ބަރޯސާވާ ކުދި އިގުތިސާދުތަކަށް، ދުނިޔޭގެ މަސްރަހުގައި ހިނގާ ހަމަނުޖެހުންތަކުގެ އަސަރު އެންމެ ފުރަތަމަ ފެންނަނީ ވިޔަފާރީގެ މުއާމަލާތްތަކަށް ސީދާ ބުރޫއެރުމުގެ ބަދަލުގައި، ހަކަތައިގެ އަގު އުފުލުމާއި ބޭރު ފައިސާއަށް ކުރިމަތިވާ ދަތިތަކުގެ ސިފައިގައި ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ