ދުސްތޫރީ ބޮޑެތި ކަންކަން ޕާކުކޮށްފައި؛ ސަރުކާރުގެ އެޖެންޑާ ސާފުކޮށް ބުނެދޭން ޖެހޭ: ސުއޫދު

ދުސްތޫރީ އެހެން މައްސަލަތައް ބާއްވާފައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުން އެކަނި އަވަސްކުރުމަށް ސަރުކާރުން ގެންގުޅޭ އެޖެންޑާ ސާފުކޮށް ބުނެދޭން ޖެހޭ ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ. 
ވީކިހިނެއް؟ - މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށްޓަކައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ކުރިއަށް އޮތް ކައުންސިލް އިންތިހާބާ އެކު ނެގުމަށް ވަނީ އިއުލާންކޮށްފަ އެވެ. 
އެ ވޯޓުގައި ރައްޔިތުން ނުފެނޭ ވޯޓު ދިނުމަށް ގޮވާލާ ކެމްޕެއިނެއް ވަނީ ފަށައިފަ އެވެ. އެ ކެމްޕެއިނުން މިއަދު ސުއޫދުގެ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލައިފަ އެވެ. 
ބުނީ ކީކޭ؟ - ސުއޫދު ވިދާޅުވީ ގާނޫނުއަސާސީގައި ބަދަލުކުރަން ޖެހޭ ދުސްތޫރީ ވަރަށް ބޮޑެތި މައްސަލަތައް އެބަހުރި ކަމަށެވެ. ނަމަވެސް އެ ކަންކަން ބަދަލުނުކޮށް ދެ އިންތިހާބު އެއްކޮށްލަން އެކަނި އުޅޭތީ މި ކަމުގައި ސަރުކާރުގެ ހެޔޮ ނިޔަތް އޮތް ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. 
ދެ އިންތިހާބު އެކުގައި ބޭއްވުމަށް ވުރެ ގާނޫނުއަސާސީއަށް މި ވަގުތު ގެންނަން ޖެހޭ ކަމަށް ސުއޫދު ގަބޫލުކުރައްވާ އެހެން ބަދަލުތައް ފާހަގަ ވެސް ކުރެއްވި އެވެ. އެއީ:
ދައުރަކަށް ފަހު ދައުރެއް މަޖިލީހުގެ މެންބަރުންގެ އަދަދު ގިނަވެގެން ދިއުން
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އިލެކްޝަން ކޮމިޝަން (އީސީ) ފަދަ މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ފޯރުވުން
ޖޭއެސްސީގައި ސިޔާސީ މީހުން ތިބުން
ސިޔާސީ މަގާމުތަކަށް ކޮންމެ ރައީސަކު ވެސް ހައްދެއް ނެތް މިންވަރަށް މީހުން އައްޔަން ކުރަމުން ދިއުން 
މި ހުރިހާ ކަމަކީ އިސްލާހުކުރަން ޖެހޭ ކަންކަން އެއީ އެތައް ރައްޔިތުންނާއި ސިޔާސި ހުރިހާ ޕާޓީއަކުން ވެސް ގަބޫލުކުރާ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ. 
އޭގެ އިތުރުން މަޖިލީހުގެ މެޖޯރިޓީ 'ގަދަކަމުންް ހިފަހައްޓައިގެން' މެނުވީ ރައީސަކަށް ވެރިކަން ކުރަން ދަތިވާ މައްސަލައަކީ ވެސް މާ ބޮޑު މައްސަލައެއް ކަމަށް ސުއޫދު ވިދާޅުވި އެވެ. 
"މި ކަންކަން މިހެން ހުއްޓައި ކީއްވެގެންތޯ އެޖެންޑާގައި އެންމެ ކުރިއަށް ދެ އިންތިހާބެއް އެއް ދުވަހެއްގައި ބޭއްވުން މި ގެނައީ. މި ސަރުކާރުގެ ބޭފުޅުން އޮޅުން ފިލުވައިދޭން ޖެހޭ ކަމެއް،" ސުއޫދު ވިދާޅުވި އެވެ. 
ސަރުކާރުގެ ހެޔޮ ނިޔަތް އޮތް ނަމަ ދެން ހުރި ކަންކަން ވެސް އިސްލާހުކުރާނެ ކަމުގެ ޔަގީންކަން ދޭން ޖެހޭނެ ކަމަށް ސުއޫދު ވިދާޅުވި އެވެ. އަދި ކުރާނެ ވަގުތާއި ސަރުކާރުގެ މުޅި އެޖެންޑާ ސާފުކޮށްދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 
"އެ ކަންކަން އޮޅުންފިލުވައިނުދޭ ކަމަށް ވަންޏާ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހެޔޮ ނިޔަތް އޮތް ކަަމަށް ގަބޫލުކުރަން ދަތިވާނެ،" ބަންޑާރަ ނައިބު ކަން ވެސް ކުރައްވާފައިވާ ސުއޫދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ