ކޯޓަށް ހާޒިރުކުރަން މަންޑޭ ހައްޔަރުކޮށްފި

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްޤީ ކުރަމުންދާ ކޭ-ޕާރކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި، މަކަރާއި ޙީލަތް ހަދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ދައުވާ އުފުލާފައިވާ މއ.އެރަލްސީ، ޙަސަން މަމްދޫހް (މަންޑޭ) ކޯޓަށް ހާޒިރުކުރުމަށްޓަކައި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ބުނެފި އެވެ.
މަންޑޭ ކޯޓަށް ހާޒިރުކުރަނީ އޭނާގެ މައްޗަށް ހިންގާ ޝަރީއަތް ނިމި ހުކުމް އިއްވުމުގެ މަޖިލީހަށެވެ. ކުރީން އޮތް ހުކުމްގެ މަޖިލީހަށް އޭނާ ހާޒިރުނުވި އެވެ. އަދި ކޯޓަށް އެންގީ "މާތްﷲއަށްޓަކައި ޝަރީއަތް ފަސްކޮށްދޭން" ށެވެ. ނަމަވެސް ގާޒީ ވަނީ އެ ފުރުސަތު ނުދޭން ނިންމާފަ އެވެ.
އަދި ފުލުހުންގެ މައްޗަށް އަމުރެއް ނެރުނީ ބަންދުގައި ބަހައްޓައިގެން އޭނާ ހާޒިރުކުރާށެވެ. ފުލުހުން މިރޭ ބުނީ ކޯޓަށް ހާޒިރުކުރުމަށްޓަކައި ޙަސަން މަމްދޫހު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ކޯޓަށް ހާޒިރުކުރަން ޖެހެނީ މާދަމާ މެންދުރު 2:00 އަށެވެ.
ދައުވާގެ އަޑުއެހުންތަައް ކުރިއަށްދިޔައިރުވެސް ތަކުރާރުކޮށް ޝަރީއަތްތަކަށް ހާޒިރުނުވާތީ މަންޑޭ ބަންދުވެސް ކުރި އެވެ.
މަންޑޭ ގެ މައްޗަށް 105 ދައުވާއެއް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ.
ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ %95 ޙިއްސާދާރު، ޖިން ޝިހޫގެ ހުއްދަ ނެތި، އޭނާގެ ނަމުގައި ސައްޙަނޫން ސޮއިކޮށްފައިވާ ލިޔުންތަކެއް ބޭންކް އޮފް މޯލްޑިވްސްއަށް މަންޑޭ ހުށަހަޅާފައިވާއިރު، މި މައްސަލައިގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މަންޑޭގެ ގެ ބަލާ ފާސްކޮށްފައެވެ. މި ފާސްކުރުމުގެ ތެރޭގައި މަންޑޭގެ ޕެންޓްހައުސްގެ ތެރެއިން ފެނުނު ގަހަނާއާއި އަތް ދަބަހާއި ސެންޓުގެ އަގު 7 މިލިއަނަށްވުރެ ގިނަ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ