ފަރާޖް ޗާގޯސްއަށް ކުރަން އުޅުނު ދަތުރަށް އިނގިރޭސިވިލާތުން ރާއްޖެ މެދުވެރިކޮށް ހުރަސްއަޅައިފި

އިނގިރޭސިވިލާތުގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ރިފޯމް ޔޫކޭގެ ލީޑަރު ނައިޖަލް ފަރާޖް ޗާގޯސްގެ ރަށްވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަން އުޅުނު އިންސާނީ އެހީގެ ދަތުރަށް އިނގިރޭސި ސަރުކާރުން ރާއްޖެ މެދުވެރިކޮށް ހުރަސްއަޅާފައިވާ ކަމަށް އޭނާ ތުހުމަތުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ފަރާޖް މިދިޔަ ހަފްތާގައި ރާއްޖެ ވަޑައިގަތީ، ޗާގޯސްގެ ފަޅު ރަށެއް ކަމަށްވާ އީލް ޑު ކޮއިންގައި ދާއިމީކޮށް ވަޒަންވެރިވުމަށް މަސައްކަތް ކުރަމުންދާ ޗާގޯސްގެ ހަތަރު މީހަކަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ފަދަ ޒަރޫރީ ސާމާނު ފޯރުކޮށްދިނުމަށެވެ. މި ތަކެތި ހިފައިގެން ދަތުރުކުރާ ބޯޓު ރާއްޖޭގެ ދެކުނުން ގާތްގަނޑަކަށް 300 މޭލު ބޭރުގައި އޮންނަ އެ ރަށަށް ފުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ތަފްސީލް - ފަރާޖް ވެސް މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވަން އޮތް ނަމަވެސް، އިނގިރޭސި ކަމާ ބެހޭ ފަރާތްތަކުން ވަނީ އޭނާ އެ ބޯޓަށް އެރުން ހުއްޓުވުމަށް ރާއްޖޭގެ ސަރުކާރަށް ބާރުއަޅާފަ އެވެ. ފަރާޖް ދަ ޓެލެގްރާފް ނޫހަށް ވިދާޅުވީ އޭނާ ޗާގޯސްއަށް ވަޑައިގަތުން ހުއްޓުވުމަށް އިނގިރޭސި ސަރުކާރުން އެދިފައިވާކަން ރާއްޖޭގެ ސަރުކާރުގެ އިސް މަސްދަރަކުން އޭނާއަށް އަންގާފައިވާ ކަމަށެވެ.
"އިނގިރޭސި ރައްޔިތަކު އިނގިރޭސި ސަރަހައްދަކަށް ދިޔަ ނުދިނުމަށް މިފަދަ މަސައްކަތެއް ކޮށްފާނެ ކަމަށް ގަބޫލެއް ނުކުރެވޭ. މިއީ އިންސާނީ އެހީގެ ދަތުރެއް. އަދި އަހަރެންގެ ސަބަބުން މި ދަތުރަށް ބުރޫއަރަން ބޭނުމެއް ނޫން،" ފަރާޖް ވިދާޅުވި އެވެ.
ޗާގޯސްގައި ތިބި މީހުންނަށް އެހީ ފޯރުކޮށްދިނުމަށް ކުރާ މި ދަތުރުގައި ފަރާޖް ބައިވެރިވެވަޑައިނުގަންނަވާ ގޮތަށް މިހާރު ވަނީ ނިންމަވާފަ އެވެ. އޭނާ އިއްޔެ އެނބުރި އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ފުރާވަޑައިގެންފައިވާއިރު، އެހީގެ ސާމާނު ހިފައިގެންދާ ބޯޓު އޭނާ ނުލާ ފުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ފާހަގަކޮށްލެވޭ - ޗާގޯސްގެ ރަށްތަކުން 1960 އަދި 1970ގެ އަހަރުތަކުގައި އެ ތަނުގެ ރަށްވެހިން މަޖުބޫރުން ބޭރުކުރީ އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒެއް ޑިއޭގޯ ގާސިއާގައި ހެދުމަށެވެ. މިހާރު އެ ރަށްތައް މޮރިޝަސްއަށް ދިނުމަށް އެއްބަސްވުމެއް ގާއިމުކޮށްފައިވީ ނަމަވެސް، ރާއްޖެއިން އެކަމާ ދެކޮޅު ހަދައި އެ ސަރަހައްދަކީ ރާއްޖޭގެ މިލްކުވެރިކަން އޮންނަންޖެހޭ ތަނެއް ކަމަށް ވަނީ ބުނެފަ އެވެ.
މި މައްސަލައިގައި މަސްލަހަތު ގޯސްވެފައިވާއިރު، އެމްއެންޑީއެފުން ވަނީ ޗާގޯސްގެ އުތުރު ސަރަހައްދުގައި ކޯސްޓްގާޑުގެ އެންމެ ބޮޑު އުޅަނދު ފޯރިމަރަން ފޮނުވާފަ އެވެ.
އީލް ޑު ކޮއިންގައި ތިބި ޗާގޯސްގެ ރަށްވެހިން ބޭރުކުރުމަށް އިނގިރޭސި ކަމާ ބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުންދާއިރު، އެ މީހުންގެ އަތުން ކާބޯތަކެތި ހުސްވަމުންދާތީ އެ މީހުންގެ ސިއްހީ ހާލަތާ މެދު ވަނީ ކަންބޮޑުވުން އުފެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ