ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި

މިދިޔަ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މިއަދު ހެނދުނު އަލުން ފަށައިފިއެވެ. ކުރީ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން ފުރަތަމަ ނިންމީ 2،000 ގޯއްޗެވެ. އެކަމަކު، ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ، ބާކީ ގޯތި ގުޅިފަޅުން ދޭން ސަރުކާރުން ނިންމައި، ގޯތި ބަދަލުކުރުމަށް އެދި ހުށަހެޅުމަށް އޭޕްރީލް ހަތެއް، 2024 ގައި ހުޅުވާލިއެވެ. އެ ފުރުސަތުގައި ގުޅީފަޅަށް ގޯތި ބަދަލު ކުރުމަށް 2210 މީހުން އެދުނެވެ. އެ މީހުންގެ މެދުގައި ޖޫން މަހު ވަނީ ގުރު ނަގާފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މިއަދު ހެނދުނު ފަށާފައިވާކަން އިއުލާނުކުރައްވާފައެވެ. އެ މަސައްކަތް ކުރިއަށްދާތަނުގެ ފޮޓޯއާއި ވީޑިއޯ ވެސް އެ މަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ. https://x.com/MMuizzu/status/2017075603846156740 ސަރުކާރުން އެ މަސައްކަތް ހަވާލުކޮށްފައިވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ)އާއެވެ. އެ މަސައްކަތްކުރަނީ ޕްރިންސް ޑަ ނެދަލަންޑެންއާއި އޮރަންޖޭ ނަމަކަށް ކިޔާ ދެ ޑްރެޖަރު ބޭނުންކޮށްގެންނެވެ. މި ދެ ޑްރެޖަރުގެ ކެޕޭސިޓީއަކީ 22،000 ސީބީއެމްއެވެ. އެ ފަޅުން ހިއްކުމަށް ހަމަޖެހިފައިވަނީ 160 ހެކްޓަރުގެ ބިމެކެވެ. ސަރުކާރުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި އެތަނުން 50 ނުވަތަ 54 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފައެވެ. އެކަމަކު، އެއަށް ފަހު އެ މަސައްކަތް އޮތީ މަޑުޖެހިފައެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ގޯތި ދޭން އިއުލާންކުރި ގިރާވަރުފަޅުން ގޯތި ދީފައިވަނީ ޚިދުމަތްތަކަށް ޖާގައެއް ކަނޑަނާޅައި ކަމަށް ބުނެ، ގިރާވަރަށް އާ ލޭންޑް ޔޫޒް ޕްލޭނެއް ހަދާނެ ކަމަށް މި ސަރުކާރުން އޮތީ މީގެ ކުރިން އިއުލާންކޮށްފައެވެ. އެ ލޭންޑް ޔޫޒް ޕްލޭން މި ހަފުތާގައި ވަނީ އާންމުކޮށްފައެވެ. ކުރިއަށް އޮތް ތިން މަސް ތެރޭ ގިރާވަރު ފަޅާއި، ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި ނިމޭނެ ކަމަށް ބެލެވޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިދިޔަ ނޮވެންބަރު 25 ގައި ވަނީ ވިދާޅުވެފައެވެ. މިތަން ވެސް ހިއްކާނީ ހުޅުމާލެ ތިން ވަނަ ފިޔަވަހި ހިއްކަން ބޭނުންކުރި ދެ ޑްރަޖަރުން ކަމަށް އޭރު އެ މަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ