ހިޝާން އަޔަލޭންޑުން ހިމާޔަތް ހޯދައިފި

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރުމުން އަމިއްލައަށް ރާއްޖޭން ބޭރަށް އަރުވާލެވިގެން ހުރި، އާއްމު އިޖްތިމާއީ ހިދުމަތްތެރިޔާ ހިޝާން އަހުމަދު އެންމެ ފަހުން އަޔަލޭންޑުން ހިމާޔަތް ހޯދައިފި އެވެ.
މައްސަލައިގެ ފެށުން - ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުޑަކުދިންގެ ހައްގުގައި ވަކާލާތުކޮށް، އަޑުއުފުލަމުން ދިޔަ ހިޝާންގެ މައްޗަށް، ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކުރީ، މީގެ ހަތް އަހަރު ކުރިންނެވެ. އެކަން ފެންމަތިވީ، އޭނާ އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރުގެ މަގާމުގައި ހުއްޓަ އެވެ.
އެ މައްސަލައާ އެކު ހިޝާން ފުލުސް އޮފީހަށް ހާޒިރުކޮށް، ބަޔާންތައް ނެގި އެވެ. އަދި އޭނާގެ އަތުން އެމްބެސެޑަރުގެ މަގާމު ވެސް އަތުލި އެވެ. އެކަމަކު އަބަދު ވެސް ހިޝާން ދިޔައީ އެކަމަށް އިންކާރު ކުރަމުންނެވެ. އަދި ދެން ދުވަހު ވެސް ރާއްޖޭގައި ދިރިއުޅެން އެނބުރި ނާންނާނެ ކަމަށް ބުނަމުން އަހަރެއް ފަހުން ތުރުކީއަށް ދިރިއުޅުން ބަދަލު ކުރި އެވެ.
ވީ ކިހިނެއް؟ - ދިވެހި ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ދޮގު ތުހުމަތުތަކެއް ކަމާއި ރާއްޖޭގައި ދިރިއުޅޭ ނަމަ އޭނާގެ ފުރާނައަށް ނުރައްކާ އޮތް ކަމަށް ބުނެ ހިޝާން ވަނީ އަޔަލޭންޑުން ހިމާޔަތް ހޯދުމަށް ހުށަހަޅާފަ އެވެ. އަދި އެ ގައުމުގެ ސަރުކާރުން މިދިޔަ މަހު ފަހުކޮޅު ވަނީ ގަބޫލުކޮށްފަ އެވެ.
ހިޝާން ބުނި ގޮތުގައި އަޔަލޭންޑުން ހިމާޔަތް ދިނީ:
އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް މިހާތަނަށް ހެއްކެއް ނުދެއްކި އަދި އެކަން ސާބިތުކުރެވިފައި ނުވުމުން
 އަދި އެ ތުހުމަތުތަކާ ގުޅިގެން އޭނާއަށް ރާއްޖޭން ރައްކާތެރިކަން ނުލިބުމާއި މިހާތަނަށް އިންސާފު ލިިބިފައި ނުވުމުން ކަމަށް
އެނގުން މުހިއްމު - އިޖުތިމާއީ ދާއިރާއިން ގައުމީ އިނާމު ވެސް ލިބުނު ހިޝާން މިދިޔަ ހަތް އަހަރުގެ ތެރޭގައި އެނބުރި ރާއްޖެއަށް އައީ މިދިޔަ އަހަރު އެކަންޏެވެ. އެ ފަހަރު އޭނާ ފޮށިތައް ހިފައިގެން ސީދާ ދިޔައީ ފުލުސް އޮފީހަށެވެ. އެއީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ސަބަބުން ދަތުރުކުރުމުގެ ހައްގާއި ވަޒީފާ އަދާކުރުމުގެ ހައްގު ފަދަ ގިނަ ހައްގުތަކަކުން މަހުރޫމްވެފައިވާތީ ކަމަށް ބުނެ އެވެ.
ރާއްޖެ އައިތާ ދެ ވަނަ ދުވަހު ހިޝާން ވަނީ، އޭނާއަށް ލިބުނު އަނިޔާތަކުގެ ސަބަބުން ދައުލަތާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. އޭނާ ބުނި ގޮތުގައި، ފުލުހުން އޭނާގެ މައްޗަށް ބޮޑެތި ދޮގު ތުހުމަތުކޮށް، މުދާ ވަނީ ހިފަހައްޓާފަ އެވެ. އަދި ކޯޓަށް މައްސަލަ ހުށަހެޅީ، މިފަދަ، 'ސްޓޭޓް ސްޕޮންސާޑް ކްރައިމް'ތައް ހުއްޓުވުމަށް ކަމަށް ހިޝާން ބުންޏެވެ.
ދެތިން ދުވަސް ފަހުން އޭނާ ވަނީ އަނެއްކާވެސް އެނބުރި ތުރުކީއަށް ގޮސްފަ އެވެ.
އާއްމުންގެ ލޮލުގައި ހިޝާން ފުރަތަމަ އަޅައިގަތީ ވެސް، ވެލާނާ ބިލްޑިން ކައިރީގައި މީގެ އަހަރުތަކެއް ކުރިން އޭނާ ކުރި ހިމޭން އިހްތިޖާޖްތަކާ ގުޅިގެންނެވެ. އެ އިމާރާތް ކައިރީގައި އަތުން ބޯޑެއް ހިފަހައްޓައިގެން ހުރެ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހައްގުތައް ހޯދައިދިނުމާއި އިޖްތިމާއީ އެކި މައްސަލަތަކާ ދެކޮޅަށް އޭނާ ވަރަށް ގިނައިން އަޑުއުފުލި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ