ޝަންގްރިއްލާ އަލުން ހުޅުވައި، ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

އައްޑޫ ސިޓީ ވިލިނގިލީގައި ހިންގަމުން އަންނަ ޝަންގްރިއްލާ ވިލިނގިލި ރިސޯޓު ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ހުޅުވައި، އެ ރިސޯޓަށް އައި ފުރަތަމަ ފަތުރުވެރިޔާއަށް މިއަދު މަރުހަބާ ކިޔައިފިއެވެ.
ރާއްޖޭގެ އެންމެ ދެކުނުން އައްޑޫގައި އެންމެ މަތީ ފަންތީގެ ހިދުމަތް ދެމުން އައި މި ރިސޯޓުގެ ހިދުމަތްތައް އަލުން ފަށާފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރުގެ އޭޕްރީލް މަހު ބަންދުކުރި މި ރިސޯޓު އެއްކޮށް ހުއްޓާލިކަން އެ އަހަރުގެ އޯގަސްޓް މަހު އިއުލާން ކުރުމާ ގުޅިގެން 500 އަށްވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލިގެން ދިޔައެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، މި ރިސޯޓު އަލުން ހުޅުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅަކަށް ވީއިރު، މިއީ އައްޑޫގެ ރައްޔިތުންގެ ވަރަށް ބޮޑު އިންތިޒާރަކަށް ލިބުނު ނިމުމެއް ކަމަށެވެ. ސަރުކާރުން މި ރިސޯޓު ހުޅުވުމަށްޓަކައި ކުންފުނީގެ މެނޭޖްމަންޓާއެކު ގިނަ މަޝްވަރާތަކެއް ކޮށް، ހުރި ގޮންޖެހުންތައް ނައްތާލުމަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކޮށްފައި ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
އެގޮތުން ޓޫރިޒަމް މިނިސްޓްރީން ރިސޯޓަށް ޒިޔާރަތްކޮށް، ކުރަންޖެހޭ މަރާމާތުތައް ދެނެގަނެ، ގަވާއިދުގެ ތެރެއިން ބޭނުންވާ ހުއްދަތައް ދިނުމުގައި ސަރުކާރުން ވަނީ ފުރިހަމަ އެއްބާރުލުން ދީފައެވެ. ރިސޯޓު ހުޅުވުމުގެ ތައްޔާރީތަކުގެ ތެރެއިން ނޮވެންބަރު މަހުގެ ކުރީކޮޅުން ފެށިގެން މުވައްޒަފުން ނެގުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މި މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ނޮވެންބަރު މަހު ވަނީ އެ ރިސޯޓަށް ޒިޔާރަތް ކުރައްވާފައެވެ.
ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވިގެން ދިއުމަކީ އައްޑޫ ސިޓީގެ އިގްތިސާދަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ. މީގެ ސަބަބުން އައްޑޫގެ ގިނަ ރައްޔިތުންނަށް ވަޒީފާގެ އާ ފުރުސަތުތައް ހުޅުވި، ސަރަހައްދުގެ ފަތުރުވެރިކަމަށް އާ ދިރުމެއް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ