އެމްޑީޕީން އޭސީސީއަށް: މައްސަލަ ބަލަނީ ކަމަށް ބުނުން ފިޔަވައި، ޖަވާބެއް ނުލިބޭ ކަމުގެ ކަންބޮޑުވުން
ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގެ ޒިންމާ މަތިކޮށްފައި އޮތް ދައުލަތުގެ މުއައްސަސާ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މައްސަލަތައް ބެލުން ލަސްވެ ދިގުލައިގެން ދާ ސަބަބެއް ހޯދަން، މައި އިދިކޮޅު ޕާޓީ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން މިއަދު އެ ކޮމިޝަނާ ބައްދަލުކޮށްފިއެވެ. މެންދުރުފަހު އޮތް ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ވައިކަރަދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ޙުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވީ، އޭސީސީއާ އެކު ބޭއްވި ބައްދަލުވުމުގައި، ނިމިދިޔަ އިންތިޚާބާ މެދު ހުރި ކަންބޮޑުވުންތަކުގެ އިތުރުން، ރައްޔިތުންގެ ކަންބޮޑުވުންހުރި މައްސަލަތައް އަވަސްކުރުމަށްޓަކައި ކުރަނީ ކޮން މަސައްކަތެއްތޯ އަހައިފައިވާނެ ކަމަށެވެ. "ގައުމީ ބޮޑެތި މައްސަލަތަކަށް އޭރު އެ ބޭފުޅުން ހުރި ރެކޮމެންޑޭޝަންތަކެއް ދެއްވައިފަ، އެކަންކަން އޮތީ ކިހިނެއްތޯ، އޮތީ ކިހާ ހިސާބެއްގައިތޯ ބެލުން، އެއީ އެއް ބޭނުމަކީ،" ޒިޔާދު ވިދާޅުވިއެވެ. ނަމަވެސް އެ ބައްދަލުވުމުގައި އޭސީސީން ދިން ޖަވާބެއް ޒިޔާދު ހާމަ ނުކުރައްވައެވެ. https://sun.mv/220454 ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުގެ އަމީންއާންމު މުޙައްމަދު އިބްރާހީމް (ކުޑޫ) 'ސަން'އަށް ވިދާޅުވީ، "މައްސަލަތައް ބަލަނީ،" ނުވަތަ "މައްސަލަތައް އުޅެނީ" ކަމަށް ބުނުން ފިޔަވައި އޭސީސީގެ ފަރާތުން އާ ޖަވާބެއް އެ ބޭފުޅުންނަށް ނުލިބޭ ކަމަށެވެ. އޭސީސީއާ ބައްދަލުކުރުމަށް އެދި އެމްޑީޕީން މިދިޔަ ހޮނިހިރު ދުވަހު އޭސީސީގެ ރައީސް އާދަމް ޝާމިލަށް ފޮނުއްވި ސިޓީއެއްގައިވަނީ، އެ ކޮމިޝަނަށް ގާނޫނުއަސާސީން ހަވާލުކޮށްފައިވާ ޒިންމާކަމުގައިވާ، ދިވެހި މުޖުތަމައަކީ ކޮރަޕްޝަނުން ސަލާމަތްވެފައިވާ ނަޒާހަތްތެރި މުޖްތަމައަކަށް ހެދުމުގައި ވޭތުވެދިޔަ ތަނުގައި އެކަށޭނެ މިންވަރާ ގާތަށްވެސް އޭސީސީން މަސައްކަތް ކޮށްފައި ނުވާކަމަށެެވެ. މީގެ އިތުރުން، ކޮރަޕްޝަން ހިންގާ ފަރާތްތަކާ މެދު ތަފާތުކުރުމެއްނެތި ފިޔަވަޅު އަޅަމުން ނުދާ ކަމަށް ވެސް އެ ޕާޓީން ތުހުމަތުކޮށްފައިވެއެވެ. އަދި ކޮރަޕްޝަންގެ އަމަލުތަކަށް މަގުފަހިނުވާނޭ ގޮތަށް ދައުލަތުގެ ހިންގުން ބައްޓަންކޮށް، ނިޒާމުތައް ހަރުދަނާ ކުރުމުގައި ވެސް އޭސީސީން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށާއި އެކަމާ ހިތާމަ ކުރާ ކަމަށް ސިޓީގައިވެއެވެ. އެމްޑީޕީން މީގެ ކުރިން އޭސީސީ ކައިރީ ބޭއްވި އިހުތިޖާޖެއްގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ ކައުންސިލް އިންތިޚާބާއި، މައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ވޯޓެއް ހޮނިހިރު ދުވަހު ބޭއްވިއިރު، އެ ވޯޓުތަކާ ގުޅުންހުރި ކޮރަޕްޝަނުގެ މައްސަލަތަކެއް ބަލާ ކަމަށް، އޭސީސީއާ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ކެމްޕޭން ދުވަސްވަރު ބުނެފައިނުވެއެވެ. ނަމަވެސް ކެމްޕޭން މަރުހަލާ ނިމުނުތާ ކުޑައިރުކޮޅެއް ފަހުން އޭސީސީން ވަނީ، ކެމްޕޭނުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ފަދަ މައްސަލަތައް ބަލަމުން އަންނަކަން ހާމަކޮށްފައެވެ. އިންތިޚާބުތަކާ ގާތްކޮށް އާންމުންނަށް ލުއިތައް ދިނުމުގެ އިތުރުން، މަޝްރޫއުތަކުގެ ބިންގާ އެޅުމާއި، ސަރުކާރު ކުންފުނިތަކަށް މުވައްޒަފުން ނެގުމުގެ ކަންބޮޑުވުން ބައެއް މީހުން ފާޅުކުރެއެވެ. ކޮރަޕްޝަނަކީ ރާއްޖޭގައި ބޮޑުވެފައި އޮތް މައްސަލައެކެވެ. އެކިއެކި މަޝްރޫއުތަކުން ވެސް ކޮރަޕްޝަން ހިންގާކަމުގެ ޝަކުވާ ބޮޑެވެ. އަދި، އެފަދަ މައްސަލަތައް އޭސީސީން އެންމެ އެކަށީގެންވާ ގޮތުގައި ތަހުގީގުނުކުރާކަމުގެ ޝަކުވާ ވެސް އާންމުން ކުރެއެވެ. އިންތިޚާބުތަކާ ގުޅުވައި ކޮރަޕްޝަނާއި ރިޝްވަތުގެ މައްސަލަތައް ފެންމަތިވާ މިންވަރު އިތުރުވެއެވެ. އެގޮތުން، ވަޒީފާއާއި ފައިސާ ބެހުން ފަދަ ކަންކަމުގެ ތުހުމަތު ކޮންމެ އިންތިޚާބަކާ ދިމާކޮށް ވެސް ކުރެއެވެ. އެކަމަކު، އެ ފަދަ މައްސަލަތަކުގައި ފިޔަވަޅު އެޅޭ މިންވަރު މަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ