40 ފުޅި ބަނގުރަލާއި، ފައިސާއާއެކު ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފި
ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާއާއެކު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ނަޒްމުލް ޙަސަން (27އ) އެވެ. އޭނާ ހައްޔަރުކުރީ ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައެވެ. ފުލުހުން ބުނީ އެ ތަކެތި އަތުލައިގެންފައި ވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެގޮތުން ހުޅުމާލެ ޕޮލިސްގެ އޮޕަރޭޝަނަލް ސަޕޯޓާއެކު މިދިޔަ ބުދަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ ލޮޓެއް ބަލައި ފާސްކުރަނިކޮށް، ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 40 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން، މި މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ އޮޕަރޭޝަންގެ ތެރެއިން، ތުހުމަތު ކުރެވޭ މީހާއާ ގުޅުންހުރި ކަމަށް ބެލެވޭ ސައިކަލެއް ބަލައި ފާސްކުރިއިރު، އެ ސައިކަލުގެ މަޑިދަށުން ވެސް ބަނގުރާ ފެނިފައިވާ ކަމަށެވެ. އެހެންކަމުން އެ ސައިކަލު ވެސް ވަނީ ތަހުގީގުގެ ބޭނުމަށް ޓޯ ކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، ނަޒްމުލް ޙަސަން މިހާރު ވަނީ ރާއްޖެއިން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ