އިންޑިއާ ރުޕީސްގެ އަގު ރެކޯޑް މިންވަރަކަށް ދަށަށް ހިނގައްޖެ

އީރާނުގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި، އޮފްޝޯ ޑޮލަރު ބިޑްތައް އިތުރުވުމުގެ ސަބަބުން އިންޑިއާ ރުޕީސްގެ އަގު ރެކޯޑް މިންވަރަކަށް ދަށަށް ހިނގައްޖެއެވެ. ރޮއިޓާސް ބުނާ ގޮތުން މިއަދު އެމެރިކާ ޑޮލަރަކާ އަޅާބަލާއިރު އިންޑިއާ ރުޕީސްއެއްގެ އަގު ވަނީ 92.4750 އަށް ވެއްޓިފައެވެ. މިއީ އިއްޔެ ރުޕީސްގެ އަގު ވެއްޓުނު 92.3575 އަށް ވުރެ ވެސް ދަށް މިންވަރެކެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް ވުރެ މައްޗަށް ގޮސްފައިވާއިރު، މީގެ ސަބަބުން އިންޑިއާގެ އިގްތިސާދީ ކުރިއެރުމަށާއި އިންފްލޭޝަނަށް ނޭދެވޭ އަސަރުކުރާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. މީގެ އިތުރުން، މި ހަމަނުޖެހުންތަކާ ގުޅިގެން ބޭރުގެ އިންވެސްޓަރުން ވަނީ މި މަހުގެ ތެރޭގައި އެކަނިވެސް އިންޑިއާގެ ހިއްސާގެ ބާޒާރުން ގާތްގަނޑަކަށް ފަސް ބިލިއަން ޑޮލަރުގެ ހިއްސާ ވިއްކާލާފައެވެ. ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކަށްފަހު، އިންޑިއާގެ މައި ހިއްސާގެ ބާޒާރު ކަމަށްވާ ނިފްޓީ 50 އިންޑެކްސް ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން މިއަދު އެކަނިވެސް މި އިންޑެކްސް ވަނީ ދެ އިންސައްތަ ދަށަށް ގޮސްފައެވެ. މާލީ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި، މެދުއިރުމަތީގެ ހަނގުރާމަ ދިގުލައިގެން ގޮސް ހަކަތައިގެ އަގުތައް މަތީގައި ހިފެހެއްޓިފައި ހުރެއްޖެނަމަ، އިންޑިއާ ރުޕީސްގެ އަގު 95 އަށް ވުރެ މައްޗަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ސްޓޭންޑަޑް ޗާޓަޑްގެ އިގްތިސާދީ މާހިރުން ފާހަގަކުރައްވާ ގޮތުގައި، އިންޑިއާއަށް ވަންނަ ބޭރު ފައިސާގެ މިންވަރު ދަށްވެފައިވާ މި ދަނޑިވަޅުގައި، ކަރަންޓް އެކައުންޓް ޑެފިސިޓް ބޮޑުވުމުގެ ނުރައްކާ ވަރަށް ބޮޑެވެ. މިކަންކަމާ ގުޅިގެން އިންޑިއާގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި، އެމެރިކާއާއެކު ސޮއިކުރަން ހަމަޖެހިފައިވާ ވިޔަފާރީގެ އެއްބަސްވުން ވެސް މަދު މަސްތަކަކަށް ފަސްކުރުމަށް އިންޑިއާ ސަރުކާރުން ވަނީ ނިންމާފައެވެ. މިއީ އެމެރިކާގެ ޓެރިފް ސިޔާސަތުތަކަށް އަންނަ ބަދަލުތައް މޮނިޓާކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ