އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމަޕް ގޮވާލިޔަސް, ހޮރްމޫޒް ކަނޑުއޮޅީގެ ބާރު ހޯދަން އޮސްޓްރޭލިއާ އިން މަނަވަރެއް ނުފޮނުވާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.
ޔަހޫދީ އިޒްރޭލާއި އެމެރިކާ އިން އިސްވެ އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ރައްދެއްގެ ގޮތުން އީރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށް, އެމެރިކާ އާއި އެ ގައުމަށް ވާގިވެރިވާ އެއްވެސް މުދަލެއް އެ ކަނޑުއޮޅިން ހުރަސް ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ބުނެފަ އެވެ.
އެ ކަނޑުއޮޅިން ދަތުރުކުރުމުގެ ފުރުސަތު ދެނީ ވަކި ގައުމުތަކަށެވެ. މި ފިޔަވަޅާއެކު ތެލާއި ގޭހުގެ ސަޕްލައި އިންތިހާއަށް ތާށިވެ, ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ވަނީ ރެކޯޑް މިންވަރަކަށް އުފުލިފަ އެވެ.
މިކަމާ ގުޅިގެން ކުރިމަތިވި ޕްރެޝަރާ ހެދި ޓްރަމްޕް ވަނީ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އަސްކަރީ މަނަވަރުތައް ފޮނުވައިދިނުމަށް ބައެއް ގައުމުތަކަށް ގޮވާލައިފަ އެވެ. ނަމަވެސް އެއްވެސް ގައުމަކުން އަދި މިހާތަނަށް އެކަމަށް އިޖާބަދީފައެއް ނުވެ އެވެ.
ޓްރަމްޕްގެ އެދުމަށް ޖަވާބު ދެމުން އޮސްޓްރޭލިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ކެތަރިން ކިންގް ވިދާޅުވީ, އޮސްޓްރޭލިއާއަށް ހުށަހެޅޭ ހުށަހެޅުންތަކާ ގުޅިގެން ފޯރުކޮށްދެވޭނެ އެހީތެރިކަމާމެދު ވަރަށް ސާފުކޮށް ވާހަކަދައްކާފައިވާނެ ކަމަށެވެ. އެގޮތުން މިހާތަނަށް ޔޫއޭއީގެ އެދުމަށް ދިފާއީ ކަންކަމުގައި އެހީތެރިވުމަށް މަތިންދާބޯޓު ފޮނުވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
”ނަމަވެސް ހޮރްމޫޒް ކަނޑުއޮޅިއަށް އަހަރެމެން މަނަވަރެއް ނުފޮނުވާނަން. އެއީ ކިހާ މުހިންމު ތަނެއްކަން އަހަރެމެންނަށް އެނގޭ. އެއީ އަހަރެމެންގެ ކިބައިން އެދިފައިވާ ކަމެއްވެސް ނޫން. އަދި އެއީ އަހަރެމެން އެހީތެރިކަން ފޯރުކޮށްދޭނެ ކަމެއްވެސް ނޫން,“ ކެތަރިން ކިންގް ވިދާޅުވި އެވެ.
މީގެ ކުރީން ޖަޕާނުންވެސް ވަނީ ހޮރްމޫޒް ކަނޑުއޮޅިއަށް ހަނގުރާމަމަތީ މަނަވަރުތައް ފޮނުވުމަށް ދެކޮޅު ހަދައިފަ އެވެ.
ޓްރަމްޕް އެދުނަސް ހޮރްމޫޒްގެ ބާރު ހޯދަން މަނަވަރެއް ނުފޮނުވާނަން: އޮސްޓްރޭލިއާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ