މަރުވުމުން ލޯ ހަދިޔާކުރަން ލަންކާގެ 2.3 މިލިއަން މީހުން ރަޖިސްޓްރީކޮށްފި

މަރުވުމުން ލޯ ހަދިޔާކުރުމަށް ސްރީ ލަންކާގެ 2.3 މިލިއަނަށްވުރެ ގިނަ މީހުން މިހާތަނަށް ވައުދުވެ، ރަޖިސްޓްރީކޮށްފައިވާ ކަމަށް ސްރީ ލަންކާގެ 'އައި ޑޮނޭޝަން ސޮސައިޓީ' އިން ބުނެފި އެވެ. 
އެ ޖަމިއްޔާގެ ޗެއާމަން އަޔޯދިއާ ސަމްޕަތާ ހަވާލާދީ 'ޑެއިލީ މިރާ' ނޫހުން ބުނީ މިއަދާ ހަމައަށް 2,307,800 މީހުން ލޯ ހަދިޔާކުރުމަށް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިދިޔަ ޖޫން މަހުގެ ތެރޭގައި އެކަނިވެސް 1,443 ލޯ ހަދިޔާކޮށްފައިވެ އެވެ. މިކަމުގެ ސަބަބުން 843 ކޯނިއަލް ޓްރާންސްޕްލާންޓް (ލޮލުގެ ކޯނިއާ ބަދަލުކުރުމުގެ އޮޕަރޭޝަން) ހެދުމަށް މަގުފަހިވި އެވެ. މީގެ ތެރޭގައި ސްރީ ލަންކާގެ ބަލިމީހުންނަށް ކުރި 173 އޮޕަރޭޝަނާއި، އެހެން ގައުމުތަކުގެ ބަލިމީހުންނަށް ކުރި 670 އޮޕަރޭޝަން ހިމެނެ އެވެ.
ދި ސިލްވާ ވިދާޅުވީ، އެ ޖަމިއްޔާގެ ކޯނިއަލް ޓްރާންސްޕްލާންޓް ޕްރޮގްރާމުގެ ދަށުން މިހާތަނަށް 243,142 މީހަކަށް ލޮލުގެ ފެނުން އަލުން ހޯދައިދެވިފައިވާ ކަމަށެވެ. މީގެ ތެރޭގައި ސްރީ ލަންކާގެ 138,850 މީހުންނާއި، ބޭރު ގައުމުތަކުގެ 104,292 މީހުން ހިމެނެ އެވެ.
މީގެ އިތުރުން، އެ ޖަމިއްޔާގެ ޓިޝޫ ބޭންކުން ޖޫން މަހުގެ ތެރޭގައި، އޮޕަރޭޝަންތަކަށް ބޭނުންވާ 212 ޓިޝޫ ފޯރުކޮށްދީފައިވެ އެވެ. މިއާ އެކު މިހާތަނަށް ފޯރުކޮށްދިން ޓިޝޫގެ އަދަދު ވަނީ 20,496 އަށް އަރާފައެވެ.
މިދިޔަ މަހު އެ ޖަމިއްޔާއިން ވަނީ ހިލޭ އައިނު ބެހުމުގެ 9 ޕްރޮގްރާމެއް ހިންގައި، 1,933 އައިނު ހިލޭ ބަހައިފަ އެވެ.
މީގެ އިތުރުން، ހިލޭ ކެޓަރެކްޓް (ލޮލަށް ފުސްއެރުން) އޮޕަރޭޝަން ކުރުމުގެ ޕްރޮގްރާމުގެ ދަށުން މިދިޔަ މަހު 425 ބަލިމީހުން ހޮވުނުއިރު، އޭގެ ތެރެއިން 167 ކެޓަރެކްޓް އޮޕަރޭޝަން ކާމިޔާބުކަމާ އެކު ނިންމާލެވިފައިވާ ކަމަށް ވެސް ދި ސިލްވާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ