ކޮލޮމްބިއާ މެޗުގައި ހުރިހާ ކަމެއްވެސް ދިޔައީ ބޭނުންވިގޮތަށް: މުރާތު ޔާކިން

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފަހު 16 ޓީމުގެ ބުރުގައި ކޮލޮމްބިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ހުރިހާ ކަމެއްވެސް ދިޔައީ ސްވިޓްޒަލަންޑް އިން ބޭނުންވި ގޮތަށްކަމަށް އެޓީމުގެ ކޯޗު މުރާތު ޔާކިން ބުނެފިއެވެ.
ޔާކިން މިހެން ބުނެފައިވަނީ ޕެނަލްޓީ ޖަހައިގެން ކޮލޮމްބިއާ ބަލިކުރި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. ޔާކިން ބުނީ މިމެޗުގައި ގިނަ ކަންތައްތައް ދިޔައީ ސްވިޓްޒަލަންޑް އިން ބޭނުންވި ގޮތަށް ކަމަށެވެ.
މިގޮތުން މެޗުގައި ސްވިޓްޒަލަންޑުން ގެނައި ބަދަލުތައްވެސް ގެނެވިފައިވަނީ އެންމެ ރަނގަޅު ވަގުތުތަކުގައިކަމަށެވެ. މިކަހަލަ މެޗެއްގައި ހުރިހާ ކަމެއް ޕްލޭން ކޮށްފައި ބެހެއްޓުމަކީ ވާނެކަމެއް ނޫން ކަމަށާއި ނަމަވެސް ދުނިޔޭގެ އެންމެ މޮޅު 8 ޓީމުގެ ތެރޭގައި ހިމެނުން މިއީ އަބަދު ވާކަމެއް ނޫން ކަމަށެވެ.
ސްވިޓްޒަލަންޑްގެ ކޯޗު ހާމަކުރިގޮތުގައި މިމެޗު ވެގެންދިޔައީ ވަރަށް އޯޕަން މެޗަކަށް ކަމަށެވެ. މިމެޗުގައި ދެޓީމަށްވެސް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ ކަމަށާއި ވަކި އިދިކޮޅު ޓީމު މާމޮޅުވެފައި ވަރުގަދަ ކަމަކަށް ފާހަގައެއް ނުކުރެވުނު ކަމަށެވެ.
މިމެޗުގައި ވަން އޮން ވަން ގިނަ ހަނގުރާމަތަކެއް ދިޔަ ކަމަށާއި މިހުރިހާ ކަމަކަށްވެސް ޓީމުންވަނީ ވަރަށް ފުރިހަމައަށް ހަރަކާތްތެރިވެފައެވެ.
ޕެނަލްޓީ ޝޫޓް އައުޓްގައި މުހިންމު ދައުރެއް އަދާކުރި ސްވިޓްޒަލަންޑްގެ ކީޕަރ ގްރެގޯ ކޯބެލްވަނީ މިއީ އޭނާ އަށާއި މުޅި ސްވިޓްޒަލަންޑަށް ވަރަށް މުހިންމު ކާމިޔާބީއެއްގެގޮތުގައި ފާހަގަ ކޮށްފައެވެ. އަދި އޭނާއަށް ކުރެވޭ އިހްސާސްތައް ކިޔައިދޭން ނޭނގޭ ކަމަށާއި ނަމަވެސް ވޯލްޑް ކަޕްގެ ކްއާޓަރ ފައިނަލުން ޖާގަހޯދުމުން ވަރަށް އުފާވާކަމަށް ބުންޏެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ކޮލޮމްބިއާގެ ކޯޗު ނެސްޓަރ ލޮރެންޒޯ ބުނީ މިމެޗުގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން މަދުވީ ހަމައެކަނި ލަނޑެއް ކަމަށެވެ.
މިމެޗު ވަރަށް އުނދަގޫ ވެފައި ވަރަށް ވާދަވެރިވާނެކަން މެޗު ފެށުމުގެ ކުރިންވެސް އެނގޭ ކަމަށާއި ނަމަވެސް މެޗުގެ 90 މިނެޓަށް ބަލާއިރު މިމެޗުން މިއަށްވުރެ ރަނގަޅު ނަތީޖާއެއް ކޮލޮމްބިއާއަށް ލިބުން ހައްގު ކަމުގައި އޭނާ ބުންޏެވެ. ނަމަވެސް މިހެން ނަތީޖާ ނިކުތީ އެޓީމަށް ލިބިގެންދިޔަ ފުރުސަތު ތަކުގެ ބޭނުން ނުހިފުމުންކަމަށްވެސް ލޮރެންޒޯ އެއްބަސްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ