މި އަހަރު ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް 1.2 ބިލިއަން ރުފިޔާ ޖަމާކޮށްފި

މިއަހަރުގެ މިހާތަނަށް ދައުލަތުގެ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖުމްލަ 1.2 ބިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.3 އިންސައްތައިގެ ކުރިއެރުމެކެވެ.
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަކީ ދައުލަތުގެ ދަރަނި އަދާކުރުމުގެ ގާބިލުކަން އިތުރުކުރުމަށާއި، އަންނަން އޮތް ޖީލުތަކަށް ދަރަނީގެ ބުރަ ކުޑަކުރުމުގެ މަގްސަދުގައި 2017 ވަނަ އަހަރު އުފެއްދި ފަންޑެކެވެ. މި ފަންޑަށް ފައިސާ ޖަމާކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފީގެ ތެރެއިން ކަނޑައެޅޭ ވަކި މިންވަރެއް ކޮންމެ މަހަކު ޖަމާކޮށްގެންނެވެ.
2018 ވަނަ އަހަރުގެ ނިޔަލަށް މި ފަންޑުގައި ބޭރު ފައިސާގެ ގޮތުގައި 200 މިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް ފައިސާ ހުއްޓެވެ. ނަމަވެސް، 2019 ވަނަ އަހަރު ފިނޭންސް މިނިސްޓްރީއާއި އެމްއެމްއޭއާ ދެމެދު ވީ އެއްބަސްވުމެއްގެ ދަށުން ފަންޑުގައި ހުރި ބޭރު ފައިސާ ވަނީ މާރުކޮށްފައެވެ. އަދި ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އިގްތިސާދަށް ކުރިމަތިވި ގޮންޖެހުންތަކާއެކު، ފަންޑުގައި ހުރި ގިނަ އަދަދެއްގެ ފައިސާ ވަނީ ދިވެހި ރުފިޔާއަށް ބަދަލުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، މި ފަންޑުގައި ބޭރު ފައިސާގެ ގޮތުގައި ހުރީ އެންމެ 2 މިލިއަން ޑޮލަރެވެ. ނަމަވެސް މި ސަރުކާރުން ވަނީ ފަންޑަށް ޖަމާކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކުރުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައެވެ.
ސަރުކާރުން ހާމަކުރި ގޮތުގައި، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށާއި، ބޭރުގެ ދަރަނިތައް އަދާކުރުމުގައި ކުރިމަތިވެދާނެ މާލީ ނުރައްކާތައް ކުޑަކުރުމަށްޓަކައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ ފައިސާ އިތުރުކުރުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށްދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ