ޔޫކޭގައި ކުރިޔަށްދިޔަ އެގްޒެކެޓިވް ލީޑާސް ޕްރޮގްރާމް ދިވެހި ފުލުހަކު ފުރިހަމަކޮށްފި

އިނގިރޭސިވިލާތުގެ ކޮލެޖް އޮފް ޕޮލިސިންގއިން ހިންގި "އެގްޒެކެޓިވް ލީޑާސް ޕްރޮގްރާމް" ދިވެހި ފުލުހުންގެ ޚިދުމަތުގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާ ފުރިހަމަ ކުރައްވައިފިއެވެ.
މި ޕްރޮގްރާމަކީ ފުލުހުންގެ މުއައްސަސާތަކުގެ އިސްބޭފުޅުންނާއި، މުއައްސަސާގެ އެންމެ މަތީ ފަންތީގެ ލީޑަޝިޕް ދައުރުތަކަށް އޮފިސަރުން ތައްޔާރު ކުރުމަށް ހިންގާ ޕްރޮގްރާމެކެވެ. ފެބްރުއަރީ މަހުގެ 26 އިން ފެށިގެން ޖުމުލަ 19 ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ލީޑަރޝިޕް ޕްރޮގްރާމްގެ ފަހު މޮޑިއުލް، މޮޑިއުލް 3 ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެން މިމަހުގެ 10 ވަނަ ދުވަހަށް އިނގިރޭސިވިލާތުގައެވެ.
ފުލުހުން ވިދާޅުވީ، މި ޕްރޮގްރާމަކީ ބައިވެރިންގެ މަސައްކަތުގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް، ފުލުހުންގެ މަތީ ފަންތީގެ ލީޑަރޝިޕް މަޤާމުތަކަށް ބޭނުންވާނެ ހުނަރާއި، ޤާބިލުކަން އަދި ޢިލްމީ މައުލޫމާތު އިތުރަށް ތަރައްޤީކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެއް ކަމަށެވެ. މި އަހަރުގެ ޕްރޮގްރާމުގައި ދުނިޔޭގެ އެކި ޤައުމުތަކުން ޖުމުލަ 62 އޮފިސަރުން ދަސްވެނިވެފައިވެއެވެ.
މި ޕްރޮގްރާމުގެ ތެރެއިން މުއައްސަސާގެ މިހާރުގެ ހިންގުމުގެ ނިޒާމުތައް މުރާޖާކޮށް، ކުރިއަށް ހުރި ފުރުސަތުތައް ދެނެގަތުމާ ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން، ސްޓޭކް ހޯލްޑަރުންނާއި ބައިވެރިންނާ ގުޅިގެން މަސައްކަތް ކުރުމުގައި ހުރި ގޮންޖެހުންތަކާއި، އެ ގުޅުންތައް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަން ދިރާސާކޮށް މުރާޖައާ ކުރުމުގެ ހުނަރުތައް ވެސް މި ޕްރޮގްރާމްގެ ތެރެއިން އޮފިސަރުންނަށް ވަނީ އުނގަންނައިދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ