ހެރިޓޭޖް މިނިސްޓްރީއަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާނުކޮށްފި
މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖްގެ މަސައްކަތްތައް ފުޅާކުރުމަށާއި، އެ ވުޒާރާގެ ހިންގުން ހަރުދަނާކުރުމަށް ޓަކައި ގިނަ އަދަދެއްގެ މުވައްޒަފުން ހޯދުމަށާއި ބައެއް ޚިދުމަތްތައް ފޯރުކޮށްދޭނެ ފަރާތްތައް ހޯދުމަށް މިއަދު އިއުލާނުކޮށްފިއެވެ. މި މަހުގެ 14 އަށް މުއްދަތު ހަމަވާގޮތަށް ޖުމްލަ އަށް އިއުލާނެއް އެ މިނިސްޓްރީން ވަނީ ކޮށްފައެވެ. މިނިސްޓްރީން ކޮށްފައިވާ އިއުލާނުތަކުގެ ތެރޭގައި ސިވިލް ސާވިސްގެ ދާއިމީ ފަސް މަގާމެއް ހިމެނެއެވެ. އެ މަގާމުތަކަކީ: • ޕްރިންސިޕަލް ޕަބްލިކް ރިލޭޝަންސް އޮފިސަރު، • ސީނިއަރ ޕަބްލިކް ރިލޭޝަންސް އޮފިސަރު، • ސީނިއަރ ހިއުމަން ރިސޯސް އޮފިސަރު، • ޕްރިންސިޕަލް ހިއުމަން ރިސޯސަސް އޮފިސަރު • ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރު މީގެ އިތުރުން ދާދި ފަހުން ޕްރިންސިޕަލް ބިޔުރޯ އޮފިސަރެއް ހޯދުމަށް ވެސް ވަނީ އިއުލާނުކޮށްފައެވެ. ވަޒީފާގެ ފުރުސަތުތަކުގެ އިތުރުން، މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުގެ މީޑިއާ މަސައްކަތްތައް ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރާނެ ޕީއާރު ފާމެއް ހޯދުމަށް ވެސް ވަނީ ބީލަމަށް ހުޅުވާލާފައެވެ. އަދި ކުރިއަށް އޮތް މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް ހިންގާ ތަން އަމިއްލަ ތަކެތީގައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ވެސް ވަނީ އިއުލާނުކޮށްފައެވެ. ހެރިޓޭޖް މިނިސްޓްރީން ގިނަ މަގާމުތަކަކަށް މީހުން ހޯދަން އިއުލާނުކޮށްފައިވާއިރު، އެ މިނިސްޓްރީގައި މިހާރު ވެސް ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން ތިބިކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން ނިމުނު އަހަރު އެ މިނިސްޓްރީން ވަނީ 50 ސިޔާސީ މުވައްޒަފުން ތިބިކަމަށް ހާމަކޮށްފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އުފެއްދެވި މި މިނިސްޓްރީގެ ދަށުން ހަތަރު އިދާރާއެއް ހިންގައެވެ. އެއީ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ގައުމީ މަރުކަޒާއި، ދިވެހިބަހުގެ އެކެޑަމީއާއި، ގައުމީ ދާރުލްއާސާރާއި ދިވެހި ތަރިކަ ދިރާސާކުރުމުގެ ގައުމީ މަރުކަޒެވެ. ހީނާ ވަލީދު އިސްކޮށް ހުންނަވާ މި މިނިސްޓްރީގެ މައިގަނޑު މަސްއޫލިއްޔަތަކީ ދިވެހި ގައުމިއްޔަތު އަލާކޮށް، ތަރިކައާއި ބަހާއި ސަގާފަތް ހިމާޔަތްކޮށް ކުރިއެރުވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ