"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ރައީސް އުފައްދަވައިފި

"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފިއެވެ. މި އޮފީސް އުފައްދަވާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ.
"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ހިނގަމުންދާނީ، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުންނެވެ. މި އޮފީހަކީ، މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ އަދަދު އިތުރުވެ، މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ބޮޑުވުމާ ގުޅިގެން، އެކަމަށް އަވަސް ޙައްލެއް ހޯދުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕުރޮގުރާމުތައް އެކުލަވައިލައި ތަންފީޒުކުރުމަށް އުފެއްދެވި އޮފީހެކެވެ. މީގެއިތުރުން މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ޕާކު ކުރެވޭނެ ވަސީލަތްތަކާއި އެހެނިހެން ޒަމާނީ ޙައްލުތައް ހޯދައި، އެފަދަ ވަސީލަތްތައް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ތަންފީޒު ކުރުމުގައި އިސްދައުރެއް އަދާކުރާނީވެސް މި އޮފީހުންނެވެ.
ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހަކީ، ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގާ އިދާރާއެކެވެ. މި އޮފީހުގެ މަސައްކަތްތަކުގެ ތެރޭގައި، މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕުރޮގުރާމުތައް އެކުލަވައިލައި، އެ ޕުރޮގުރާމުތައް ތަންފީޒު ކުރުން ހިމެނެއެވެ. އަދި މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ އަދަދު އިތުރުވުމުގެ ސަބަބުން ދިމާވެފައިވާ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ވަށާޖެހޭ ޙައްލެއް ހޯދުމަށް އެކުވައިލަންޖެހޭ ސިޔާސަތުތައް އެކުލަވައިލުމުގައި ކަމާބެހޭ ފަރާތްތަކަށް ލަފާދިނުމަށްވެސް ހަމަޖެހިފައިވެއެވެ. މީގެއިތުރުން މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ޕާ ކުކުރެވޭނެ ވަސީލަތްތަކާއި އެހެނިހެން ޒަމާނީ ޙައްލުތައް ހޯދައި، އެފަދަ ވަސީލަތްތައް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ތަންފީޒު ކުރުމުގައި އިސްދައުރެއް އަދާކުރުން ހިމެނޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ބުނެފައެވެ.
ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހަށް ދައުލަތުގެ އިދާރާތަކުން ލިއުއްވާ ސިޓީގައި ޖައްސަވާނެ ނަންބަރަކީ، 1142 ކަމުގައިވެސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމުގައި ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ