މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުން ހައްލުކުރުމަށްޓަކައި ޚާއްސަ އިދާރާއެއްގެ ގޮތުގައި "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ. މި އިދާރާ އުފައްދަވާފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އޮފީހަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން އުފެއްދެވި ތަނެކެވެ. މި އޮފީސް ހިންގުމަށް ހަމަޖެހިފައިވަނީ ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުންނެވެ.
މި އޮފީސް އުފެއްދެވުމުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަހައްދުގެ މަގުތަކުގައި އުޅަނދުތައް އިތުރުވެ، ތޮއްޖެހުމުގެ މައްސަލަ ބޮޑުވުމާ ގުޅިގެން އެކަމަށް އަވަސް ހައްލެއް ހޯދުމެވެ. މީގެ އިތުރުން، ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ޕާކުކުރެވޭނެ ވަސީލަތްތަކާއި އެހެނިހެން ޒަމާނީ ހައްލުތައް ހޯދައި، އެފަދަ މަޝްރޫއުތައް ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރާނެ ވަކި އިދާރާއެއް ގާއިމުކުރުމަކީވެސް މި ނިންމެވުމުގެ މަގުސަދެކެވެ.
ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުގެ މަސައްކަތްތަކުގެ ތެރޭގައި، ތޮއްޖެހުން ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕްރޮގްރާމްތައް އެކުލަވައިލައި ތަންފީޒުކުރުން ހިމެނެއެވެ. އަދި އުޅަނދުތައް އިތުރުވުމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ލަފާދިނުމަކީވެސް މި އޮފީހުގެ ޒިންމާއެކެވެ.
މާލޭގެ ތޮއްޖެހުން ހައްލުކުރަން ހާއްސަ އޮފީހެއް ރައީސް އުފައްދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ