މިސަރަހައްދުގެ ޓްރެފިކް މައްސަލަ ހައްލު ކުރަން މާލޭ ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދަނިކޮށް، އެކަމަށް ހާއްސަ އޮފީހެއް ރައީސް މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ.
ޓްރެފިކް މައްސަލަ ހައްލު ކުރުމުގެ އެންމެ ބޮޑު މެންޑޭޓު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ހަވާލުކޮށްފައި ވަނީ ކައުންސިލާ އެވެ. މާލޭގައި އެންމެ ގިނަވެގެން ދުއްވޭނެ އުޅަނދުގެ އަދަދު ކަނޑައެޅުމަކީ ވެސް އޭގެ ތެރެއިން ކައުންސިލުގެ ޒިންމާއެކެވެ.
ޓްރެފިކް މައްސަލަ ހައްލު ކުރަން ކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން މިއަދު "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އުފެއްދިއިރު، ޓްރެފިކް މައްސަލަ އާއި ވެހިކަލް ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރަން ކައުންސިލުން ވަނީ އެމްއެންޔޫއާ ހަވާލުކޮށްގެން ދިރާސާއެއް ވެސް ހަދައިފަ އެވެ.
ޓްރެފިކުގެ މައްސަލަ ހައްލު ކުރުމުގެ އިތުރުން ވެސް ސިޓީ ކައުންސިލުގެ ޒިންމާގެ ތެރޭގައި ހިމެނޭ ވަރަށް ގިނަ ކަންކަން، މުއިއްޒު އުފެއްދެވި އޮފީހުގެ މެންޑޭޓުގެ ތެރޭގައި ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ޕާކު ކުރާނެ ތަންތަން ހެދުން ހިމެނެ އެވެ.
މި އޮފީހުގެ މަސައްކަތްތައް
މާލޭ ސިޓީ ކައުންސިލުން ކުރާ މުހިންމު މަސައްކަތްތައް ކުރަން ސަރުކާރުން އޮފީހެއް ހެދިއިރު، ދާދިފަހުން ބޭއްވި ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީ ކައުންސިލުގެ މެޖޯރިޓީ އާއި މޭޔަރުގެ މަގާމް ކާމިޔާބު ކުރެއްވީ އިދިކޮޅު އެމްޑީޕީ އިންނެވެ.
އޭގެ ފަހުން ސަރުކާރުގެ ބައެއް އިދާރާތަކުން ދަނީ ކައުންސިލާއެކު މަސައްކަތް ކުރަން ވެސް ދެކޮޅު ހަދަމުންނެވެ. އޭގެ ތެރޭގައި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިމެނެ އެވެ.
މިފަހަރުގެ ކައުންސިލްތަކުގެ އިންތިހާބު ބޭއްވީ ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަތޮޅު ކައުންސިލްތައް އުވާލައި އެހެން ހުރިހާ ކައުންސިލަކަށް ލިބިދީފައި އޮތް ބާރުތައް ވަރަށް ބޮޑަށް ހަނިކުރުމަށްފަހު އެވެ.
ޓްރެފިކް މައްސަލަ ހައްލު ކުރަން ކައުންސިލުން މަސައްކަތް ކުރަނިކޮށް އެކަމަށް ހާއްސަ އޮފީހެއް މުއިއްޒު އުފައްދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ