ދަރުބާރުގޭ ކައިރި ބޮޑުތަކުރުފާނު މަގުގައި މިއަދު ހިނގި އެކްސިޑެންޓުގައި ނިޔާވި މީހާ ނިޔާވީ 30 ޓަނުގެ ބޮޑު ލޮރީއެއް ދަށުވެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މިއަދު މެންދުރުފަހު 3:57 ހާއިރު ހިނގި އެ އެކްސިޑެންޓުގައި ނިޔާވީ ހމ. ގޯތި ނަންބަރު 20054، އިބްރާހީމް ނާސިހު، 39، އެވެ. އެކްސިޑެންޓަށްފަހު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ވަނީ ނިޔާވެފަ އެވެ.
ފުލުހުން ބުނީ ނާސިހު ނިޔާވީ އެ ވަގުތު އެ ސަރަހައްދުން ދަތުރު ކުރި 30 ޓަނުގެ ޓްރެއިލާ ލޮރީއެއް ދަށުވެގެން ކަމަށް ބެލެވޭ ކަމަށެވެ. އެއީ ވެލި ކަމަށް ބެލެވޭ އެއްޗެއް ބަރުކޮށްގެން ދަތުރު ކުރި، ކޮންސްޓްރަކްޝަން ކުންފުނި އާރްސީސީގެ ލޮރީއެކެވެ.
ނާސިހު ލޮރީގެ ދަށުވީ އެ ލޮރީގައި ޖެހި އެކްސިޑެންޓުވެގެން ކަމަށް ނުބެލެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެހެންކަމުން އޭނާ ލޮރީ ދަށުވީ ކަހާލައިގެން ކަމަށް ބެލެވެ އެވެ.
"އޭނާ ނިޔާވެފައިވަނީ ޓްރެއިލާ ލޮރީ ދަށުވެގެންކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވޭ. އަދި އުޅަނދުގެ ދަށުވާން މެދުވެރިވީ، އުޅަނދުގައި ޖެހި އެކްސިޑެންޓް ވެގެން ކަމަށް ނުބެލެވޭ،" މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުންޏެވެ.
އެކްސިޑެންޓުގައި ނިޔާވި ނާސިހު ދުއްވީ ސްކޫޕީ ސައިކަލެކެވެ. ސައިކަލު ކައިރީގައި ހެލްމެޓެއް ވެސް އޮތެވެ. ނަމަވެސް އެއީ ނާސިހު އަޅައިގެން ހުރި ހެލްމެޓެއްކަން ނުވަތަ ނޫން އަދި ނޭނގެ އެވެ. ހެލްމެޓު އޮތީ ފުދޭ ވަރަކަށް ހަލާކުވެފަ އެވެ.
އެކްސިޑެންޓުވި މީހާ ނިޔާވީ 30 ޓަނުގެ ޓްރެއިލަރު ލޮރީއެއް ދަށުވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ