އީވާ ނައިބު ރައިސް ކަމުން ވަކިނުކޮށް އިތުރު މައްސަލައެއް ނުބެލޭނެ: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން އީވާ އަބްދުﷲ ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައިގެ ނޯޓިސް ހަމަވުމަށް ފަހު އެ މައްސަލަ ނުނިންމައި މަޖިލީހުގައި އެހެން ކަމެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އެމްޑީޕީން މިއަދު ބުނެފިއެވެ.
މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރުގެ މައްސަލައެއް ހުށަހަޅާފައިވާ އިރު، އެ ބޭފުޅުންނަށް ދީފައިވާ ނޯޓިސް ހަމަވެއްޖެ ނަމަ އެ މައްސަލައާ މެދު ގޮތެއް ނުނިންމާ އިތުރު ކަމެއް މަޖިލީހުގައި ކުރިއަށް ގެންދަން މަޖިލީހުގެ ގަވައިދު ތަން ނުދޭ ކަމަށެވެ.
މަޖިލީހުގައި އަޣުލަބިއްޔަތު އޮތް އެމްޑީޕީން ވަނީ މަޖިލިހުގެ ނައިބު ރައީސް އީވާ މަގާމުން ދުރުކުރުމުގެ މައްސަލައެއް 50 މެމްބަރުންގެ ސޮޔާ އެކު މަޖިލީހަށް ހުށަހަޅާފައެވެ. އެކަމާ ގުޅިގެން ގަވައިދުގައި ބުނާ 14 ދުވަހުގެ ނޯޓިހުގެ މުއްދަތު އަންނަ އާދީއްތަ ދުވަހަށް ހަމަވާތީ، އެ ދުވަހަށް އޮތީ އެ މައްސަލަ ކުރިން އެޖެންޑާ ކޮށްފައެވެ. ނަމަވެސް މައްސަލަ ހުށަހެޅި މެމްބަރަށް، މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ޕާޓީތައް އެކުލެވިގެންވާ ގޮތަށް އައި ބަދަލާ އެކު، ދާއިމީ ކޮމިޓީތައް އަދިވެސް އެކުލަވާލާފައި ނުވާތީ، މަޖިލިހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކިކުރުމުގެ ގަރާރަށް ބަހުސް ކުރުމުގެ ވަގުތު ކަނޑައަޅާފައި ނުވާ ކަމަށެވެ.
އީވާ ވަކިކުރަން ހުށަހެޅި މައްސަލައިގައި އޭނާއަށް ހަވަލުކުރި ނޯޓިސް އަންނަ އަދިއްތަ ދުވަހު ހަމަވާއިރު، އީވާ ވަކިކުރުމަށް އެ މައްސަލައިގެ ވަގުތު ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދެއްވަން ނިއުޝާ އަށް އަސްލަމް ގޮވާލެއްވިއެވެ.
ކޮމިޓީތައް އަލުން އެކުލަވާލުމަށް މިއަދު ހެނދުނު ވެސް ބައްދަލުވުމެއް ބޭއްވި ކަމަށް އަސްލަމް ވިދާޅުވިއެވެ. އެ ބައްދަލުވުމުގައި ހިޔާލު ތަފާތުވީ އާންމު ކޮމިޓީ އެކުލަވައިލުމުގައި ކަމަށާއި އެ ކޮމިޓީގައި ހުރިހާ ސިޔާސީ ޕާޓީތަކެއް ހިމެނުމަށް މިނިވަން މެންބަރަކު ހުށަހެޅުއްވި ކަމަށް އަސްލަމް ވިދާޅުވިއެވެ. އާންމު ކޮމިޓީއަކީ ހުރިހާ ސިޔާސީ ޕާޓީތަކެއް ތަމްސީލުވުން ލާޒިމު ދާއިމީ ކޮމިޓީއަކަށް ނުވިޔަސް، އެކަމަށް އެމްޑީޕީން އެއްބަސްވީ، އެ ޕާޓީ ތަމްސީލުވާ ނިސްބަތުން ކޮމިޓީން ސްލޮޓް ދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު ރައީސް އޮފިހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ އީވާ އާއި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ، އެ މައްސަލަ މަޖިލީހަށް އެމްޑީޕީން ހުށަހަޅާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށެވެ.
މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރަން 54 މެންބަރުންގެ ސޮއިއާ އެކު އިއްޔެ ހުށަހަޅާފައި ވާއިރު، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ސޮއި ކުރީ 50 މެންބަރުންނާއި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އަދި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީރެވެ.
ނަޝީދު މަގާމުން ވަކިކުރަން ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ މަޖިލީހުގެ ރައީސްގެ މަގާމަށް ނަޝީދު އިންތިހާބު ކޮށްފައި ވަނީ ގިނަ މެންބަރުންތަކެއްގެ ވޯޓާ އެކުގައި ކަމަށާއި ވޯޓު ދީފައި ވަނީ ދިވެހިން އެދޭ ކަންކަން ހާސިލް ކޮށްދިނުމަށް ކަމަށެވެ. ނަމަވެސް އެ މަގާމުގައި ނަޝީދު އިތުރަށް ހުންނަވައިފި ނަމަ މަޖިލީހުން އަދާކުރަން ޖެހޭ ގާނޫނީ ޒިންމާ އަދާ ކުރުމުގެ ފުރުސަތު ގެއްލި މަޖިލީހުގެ ގަދަރު ދިވެހިންގެ ކުރިމަތީ ކުޑަވެގެން ދާނެ ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ