ބަދަލުގެ ގޮތުގައި ކަމަށް ބުނެ ފައްޔާޒުގެ ބަފައިބެއަށް ރަށެއް ދީފި!

ރިސޯޓެއް ހެދުމަށް ނޫނު އަތޮޅު ރާފުށިން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ބަފައިބެ މޫސާ ހަސަންއަށް 2010 ވަނަ އަހަރު ދޫކުރި އެ އަތޮޅު ރާފުށި ތަރައްޤީނުކޮށް އޮތްވާ އެރަށް އަތުލުމުން އޭގެ ބަދަލެއްގެ ގޮތުގައި ނ.އަތޮޅު އެކުޅިވަރު މޫސާ ހަސަންއަށް ދިނުމަށް ރައީސް އޮފީހުގެ ބަދަލުދޭ ކޮމިޓީން ނިންމައިފިއެވެ.
ރާފުށި 2010 ވަނަ އަހަރު ކުއްޔަށް ދީފައިވަނީ އެގްޒޮޓިކް ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑަށެވެ. އެ ކުންފުނީގެ ހިއްސާދާރުންނަކީ ފައްޔާޒުގެ ބަފައިބެ މޫސާ އަހުމަދު އަދި ތ.ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. އެރަށް ކުއްޔަށް ދީފައިވަނީ 50 އަހަރުގެ މުއްދަތަކަށެވެ. އަދި ޓުއަރިޒަމް މިނިސްޓްރީއާއި އެކު ވެފައިވާ އެއްބަސްވުމުގައި އެރަށް 36 މަސް ތެރޭ (3 އަހަރު) ތަރައްޤީކޮށް އޮޕަރޭޓުކުރަން ފަށަންޖެހެއެވެ.
އެހެން ނަމަވެސް އެ ރިސޯޓުގެ މަސައްކަތް 36 މަސްވީއިރުވެސް އެ ކުންފުންޏަކަށް ނުނިންމުނެވެ. އެއްބަސްވުމުގައި ވާގޮތުން އެ މުއްދަތުގައި މަސައްކަތް ނުނިންމައިފިނަމަ އެއްބަސްވުން އުވާލުމަށްފަހު ރަށް އަތުލުމުގެ ބާރު މިނިސްޓްރީއަށް ލިބެއެވެ. އެއާއި އެއްގޮތަށް މިނިސްޓްރީން ވަނީ 2015 ވަނަ އަހަރު އެއްބަސްވުން ބާތިލުކޮށް އެރަށް އަލުން ބީލަމަށް ލައި ލަންކާ ކުންފުންޏަކަށް ކުއްޔަށް ދީފައެވެ. އެ މައްސަލާގައި އެގްޒޮޓިކް ޕްރޮޕަޓީސް އިން ކޯޓަކަށް މައްސަލަ ހުށަހަޅާފައިވެސް ނުވެއެވެ.
އަދި 2017 ވަނަ އަހަރު މީރާއިން ވަނީ އެގްޒޮޓިކް ޕްރޮޕަޓީސްއަށް އެ ރަށް ދޫކޮށްފައި އޮތް މުއްދަތުގައި ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 10 މިލިއަން ޑޮލަރު ހޯދުމަށް ދައުވާކޮށްފައެވެ. ސިވިލް ކޯޓުން އެ ފައިސާ ދޭންޖެހޭނެ ކަމަށް ހުކުމް ކުރުމުން އެގްޒޮޓިކް ޕްރޮޕަޓީސްއިން އެ މައްސަލަ އިސްތިއުނާފުކުރިއެވެ. ނަމަވެސް ހައިކޯޓުންވެސް ވަނީ ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓާފައެވެ.
ރިސޯޓު އެއްބަސްވުން ބާތިލުކުރި މައްސަލާގައި އެގްޒޮޓިކް ޕްރޮޕަޓީސް އިން ކޯޓަށް މައްސަލައެއް ހުށަހަޅާފައި ނުވީނަމަވެސް، އެ ކުންފުނިން ވަނީ އެ ރަށުގެ އެއްބަސްވުން ބާތިލު ކުރި މައްސަލާގައި ބަދަލު ހޯދުމަށް ރައީސް އޮފީހުގައި އޮންނަ ބަދަލު ހޯދާ ކޮމިޓީއަށް ހުށަހަޅާފައެވެ. އަދި އެ ކޮމިޓީން މިހާރު ވަނީ ފާއިތުވި ހަފްތާގައި ބަދަލުގެ ގޮތުގައި ނ.އެކުޅިވަރު އެގްޒޮޓިކް ޕްރޮޕަޓީސް އަށް ދިނުމަށް ނިންމާފައެވެ. އެކުޅިވަރަކީ އެސްޓީއޯއާއި ހަވާލުކޮށް ރިސޯޓެއް ހަދަން ދީފައި އޮތް ރަށެކެވެ.
ރައީސް އޮފީހުގެ ބަދަލުދޭ ކޮމިޓީން ނ.އެކުޅިވަރު ފައްޔާޒުގެ ބަފައިބެއަށް ދޭން ނިންމިއިރު، ބަދަލު ދިނުމުގެ އުސޫލުގައި ވާގޮތުން، ސަރުކާރާއި އަމިއްލަ ފަރާތަކާއި ދެމެދު ހަދާ އެއްބަސްވުމެއްގައި އުފެދޭ މައްސަލައަކާއި ގުޅިގެން ބަދަލު ނަގާދެވޭނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ ހިލާފަށް ނުވަތަ ކަނޑައެޅިގެން ބޭއިންސާފުން އެއްބަސްވުމެއް ބާތިލުކޮށްފައިވާކަން ހާމަކޮށް ފެންނަން އޮތުމުންނެވެ.
ރާފުށި އެއްބަސްވުން ބާތިލު ކުރުމުގެ މައްސަލާގައި އެ ކުންފުނިން ކޯޓަށް ގޮސްފައިނުވާއިރު، އަދި އެ ކުންފުންނިން އެ ރަށް ތަރައްޤީ ކޮށްފައި ނުވާކަން ޖޫރިމަނާ މައްސަލާގައިވެސް ކޯޓުން ފާހަގަކޮށްފައިވާއިރު، ބަދަލުގެ ދިނުމުގެ އުސޫލާ އެއްގޮތަށް އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ރަށެއް ދެވޭނެ އެއްވެސް ޤާނޫނީ ހަމައެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ