ޕީޕީއެމް އިސްލާހު ކުރަނީ ސިޔާސީ މަގުސަދެއް އޮވެގެނެއް ނޫން: މައުމޫން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިސްލާހު ކުރުމަށް ހާއްސަ އެޖެންޑާއެއް އެކުލަވާލާފައި ވަނީ ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށް ނޫން ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެޖެންޑާގެ މަގުސަދަކީ ހަމައެކަނި ޕީޕީއެމް އިސްލާހު ކުރުން ކަމަށެވެ. My PPM reform agenda is just that. No political motives are behind it. I want to ensure our party rules & democratic values are respected. — Maumoon Abdul Gayoom (@maumoonagayoom) July 2, 2016 "އޭގެ ފަހަތުގައި ސިޔާސީ އެއްވެސް މަގުސަދެއް ނެތް. ޕާޓީގެ ގަވާއިދުތަކާއި ޑިމޮކްރަސީގެ އަސާސްތަކަށް އިހުތިރާމު ކުރައްވާނެ ކަމުގެ ޔަގީންކަން އަރުވަން،" މައުމޫންގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ. ޕީޕީއެމް އިސްލާހު ކުރެއްވުމުގެ މަސައްކަތް ފެއްޓެވިކަން މައުމޫން އިއުލާނު ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެވެ. މައުމޫން ވިދާޅުވީ ޒިންމާދާރުކަމާއި ދެފުށް ފެންނަ ގޮތަށް ކަންތައްތައް ކުރުމުގެ އުސޫލާއި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްދާ ޚިލާފަށް ސަރުކާރުން ކަންކަން ކުރަމުންދާ ކަމަށާއި، އަދި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ވެސް ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން ޕާޓީ އިސްލާހު ކުރުމަށް ޕާޓީގެ މިހާރުގެ ހާލަތު ދެނެގަނެ، ޕާޓީގެ ސައްހަ މެމްބަރުންގެ އަދަދު ހޯދައި، ޕާޓީގެ ސައްހަ ގޮފިތަކަކީ ކޮބާތޯ ދެނެގަނެ، ޕާޓީގެ އޮފީހަށާއި ގުނަވަންތަކަށް ކުރިމަތިވެފައިވާ ފިއްތުންތަކަކީ ކޮބައިތޯ ބަލާނެ ކަމަށް މައުމޫން ވިދާޅުވި އެވެ. ޕީޕީއެމް ތެރޭގައި މައްސަލަތަކެއް އުފެދި، ބައެއް މެމްބަރުން އަންނަނީ ރައީސް މައުމޫނަށް ފާޑުވިދާޅުވަމުންނެވެ. އަދި ޕާޓީގެ ތެރޭގައި ފެކްޝަން އުފެދިފައި ވާއިރު، އެމަނިކުފާނުގެ ހުއްދައަކާ ނުލައި އެ ޕާޓީގެ އެއްވެސް ރަސްމީ ގުނަވަނަކުން ނޫނީ ކޮމެޓީއަކުން އެއްވެސް ބައްދަލުވުމެއް ނުބޭއްވުމަށް ވަނީ އަންގަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ