ނިއުކާސަލް ޓީމަށް ނުކުޅުނަސް އިސާކް ސްވިޑެން ސްކޮޑަށް ނަގައިފި ނިއުކާސަލް ޓީމަށް ނުކުޅުނަސް އިސާކް ސްވިޑެން ސްކޮޑަށް ނަގައިފި

ސްޓޮކްހޯލް، ސްވިޑެން (އޮގަސްޓް 28) - ކްލަބް ދޫކޮށްލުމުގެ ފުރުސަތު ނުދޭތީ ނިއުކާސަލް ޔުނައިޓެޑަށް ނުކުޅެ އެ ޓީމާ އަމިއްލަ އަށް ދުރުވެގެން ހުރި ފޯވާޑް، އަލެކްސަންޑަ އިސާކް، ސްވިޑެން ގައުމީ ޓީމުން ނެގި ސްކޮޑުގައި ހިމަނައިފި އެވެ.
ނިއުކާސަލް ދޫކޮށްލަން ބޭނުންވާކަން އިސާކް، 24، ވަނީ އެ ކްލަބަށް އަންގައިފަ އެވެ. އެކަމަކު، އިސާކް ގަންނަން ލިވަޕޫލުން ކުރި ދެ ބިޑް ވެސް ވަނީ އަނބުރާ ފޮނުވާލައިފަ އެެވެ. އޭގެ ފަހުން، އިސާކް ވަނީ ނިއުކާސަލްގެ ޓްރެއިނިންތަކާއި ޓީމުގެ މެޗުތަކުގައި ނުކުޅެން ނިންމައި، އެކަން އެ ކްލަބްގެ މެނޭޖްމަންޓަށް ވެސް އަންގައިފަ އެވެ.
އަދި، ދާދި ފަހުން، ނިއުކާސަލްގެ ސީނިއާ މެނޭޖްމަންޓުން އިސާކްއާ ބައްދަލުކުރުމުން ވެސް އޭނާ ވަނީ ނިންމުން ބަދަލުނުކުރާނެ ކަމަށާއި ލީގު ޗެމްޕިއަން، ލިވަޕޫލާ ގުޅެން ޝައުގުވެރިވާ ކަމަށް ބުނެފަ އެވެ. ނިއުކާސަލާ އެކު، އިސާކް ހަދާފައި އޮތް އެއްބަސްވުމުގައި ބާކީ ތިން އަހަރު އެބައޮތެވެ.
ރަސްމީ މެޗެއްގައި ނުކުޅެ ތިން މަހެއްހާ ދުވަސް ވެފައިވާ އިސާކް އަންނަނީ އަމިއްލަ އަށް އިންޑިވިޖުއަލް ޓްރެއިނިންތައް ގެންދަމުންނެވެ. އަންނަ މަހު، ވޯލްޑް ކަޕް ކޮލިފައިންގައި ސްވިޑެން އިން ކޮސޯވޯ އާއި ސްލޮވީނިއާއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުން އިސާކަަށް ވަނީ ފުރުސަތު ދީފަ އެވެ.
ސްވިޑެންގެ ކޯޗަކަށް ހުރި ޔޮން ދާލް ތޮމަސަން ބުނީ، އިސާކް ނެގުމުގައި މާ ގިނަ ކަންކަމަށް އޭނާ ވިސްނަން ނުޖެހޭ ކަމަށެވެ. އަދި، ގައުމީ ސްކޮޑުގައި ޓްރެއިނިން ކުރިއަށްގެންގޮސް މެޗު ކުޅެވޭނެ ލެވަލްގައި އިސާކް ހުރި ކަމާ މެދު ދެ ވަނަ ވިސްނުމަކަށް ދާން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ތޮމަސަން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ