އޭޝިއަން ގޭމްސްގެ ފަން ރަން އަންނަ މަހު ހުރާގައި: ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައި އޭޝިއަން ގޭމްސްގެ ފަން ރަން އަންނަ މަހު ހުރާގައި: ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައި

⁠ އަންނަ އަހަރު ޖަޕާނުގެ އައިޗީ-ނަގޯޔާގައި ކުރިއަށްދާ އޭޝިއަން ގޭމްސް އަށް ތައްޔާރުވުމުގެ ގޮތުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އޭޝިއަން ގޭމްސްގެ އޯގަނައިޒިން ކޮމިޓީ (އައިނަގޮކް) އަދި ކ. ހުރާ ކައުންސިލާ ގުޅިން ބާއްވާ "އޭޝިއަން ގޭމްސް ފަން ރަން" ގައި ބައިވެރިވުމަށް ވަނީ ހުޅުވާލައިފަ އެވެ.
އަންނަ މަހު 19 ވަނަ ދުވަހު ބާއްވާ މި ފަން ރަންއާ އެކު، ދުވުމުގެ އިވެންޓުގެ އިތުރުން، ކުޅިވަރުގެ ހަރަކާތްތަކެއް ކ. ހުރާގައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ވަނީ މައުލޫމާތު ދީފަ އެވެ.
"މި ހަރަކާތްތަކުގެ މަގްސަދަކީ އޭޝިއަން ގޭމްސް ރާއްޖޭގައި ޕްރޮމޯޓް ކުރުމާއި އޭޝިއަން ގޭމްސްގެ ރޫހު ރާއްޖޭގައި ދިރުވާ އާލާކުރުމެވެ،" އޮޮލިމްޕިކް ކޮމިޓީން ބުނެފައިވެ އެވެ.
އެ ގޮތުން، މި އިވެންޓްގައި، ބައިވެރިވުމަށް އޮލިމްޕިކް ކޮމިޓީގެ ސޯޝަލް މީޑިއާ ހޭންޑްލްތަކުގައި ކޮށްފައިވާ ޕޯސްޓްތަކުގައި އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރް ކޯޑު މެދުވެރިކޮށް ރަޖިސްޓްރޭޝަން ކަންކަން ފުރިހަމަކުރެވޭނެ އެވެ.
ހުރާ އަށް ދިއުމަށް ދަތުރު ހަމަޖެހިފައިވަނީ، 19 ވަނަ ދުވަހު 2:30 ގަ އެވެ. އިވެންޓް ފަށާނީ އެ ދުވަހު، 4 ޖަހާއިރު އެވެ. ހުރާ އިން އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ، 7:30 ގަ އެވެ.
އަންނަ މަހު އެއް ވަނަ ދުވަހުގެ ނިޔަަލަށް ރަޖިސްޓްރޭޝަނަށް ހުޅުވާލެވިފައިވާއިރު، ފީއެއްގެ ގޮތުގައި 350 ރުފިޔާ ނަގަން ހަމަޖެހިފައިވާއިރު، މީގެ ތެރޭގައި ޓްރާންސްފާގެ ކަންކަމާއި ރަންގެ ޓީޝާޓާއި ބިބާއި ރިފްރެޝްމަންޓް އަދި މެޑަލްގެ ކަންކަން ހިމެނެ އެވެ.
ރަޖިސްޓްރޭޝަން ލިންކް
ފަސް ކިލޯމީޓަރުގެ މި ދުވުމުގައި، އެއް ވަނަ އަށް 5000 ރުފިޔާގެ އިނާމެއް ހަމަޖައްސާފައިވާއިރު، ދެ ވަނަ އަށް 4000 ރުފިޔާ އަދި ތިން ވަނަ އަށް 3000 ރުފިޔާގެ އިނާމެއް ދޭނެ އެވެ.
އޭޝިއަން ގޭމްސް އަކީ އޭޝިއާގެ އެންމެ ބޮޑު މަލްޓި ސްޕޯޓްސް މުބާރާތެވެ. މި މުބާރާތުގައި އޭޝިއާގެ 45 ގައުމަކުން 10،000 އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވެ އެވެ. އަދި، އޭޝިއަން ގޭމްސް އަކީ ރާއްޖޭގެ އެތުލީޓުން ބައިވެރިވާ ގޭމްސްތަކުގެ ތެރެއިން ތިން ވަނަ އަށް އެންމެ ގިނަ އެތުލީޓުން ބައިވެރިވާ ގޭމްސް ވެސް މެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ