ލަންޑަން (އޮގަސްޓް 28) - އިނގިރޭސި ހަތަރު ވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ގްރިމްސްބީ ޓައުން އިން މެންޗެސްޓާ ޔުނައިޓެޑް، އިނގިރޭސި ލީގު ކަޕުން ކަޓުވާލައިފި އެވެ.
މިއީ ލީގު ކަޕްގައި ޔުނައިޓެޑް ހަތަރު ވަަނަ ޑިވިޝަނުގެ ޓީމެއް އަތުން ކެޓި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މި ފަހަރުގެ ސީޒަނުގައި އަދި މިހާތަނަށް ޔުނައިޓެޑުން ތިން މެޗު ކުޅުނުއިރު، މޮޅެއް ލިބިފައިނުވާއިރު، އެ ޓީމުގެ ކޯޗު ރުބެން އަމޮރިމް އަށް ވަނީ ޕްރެޝަރު ބޮޑުވާން ފަށައިފަ އެވެ.
ރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 2-2 އިން އެއްވަރުވި މި މެޗުގައި ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރެން ޖެހުނުއިރު، ގްރިމްސްބީ އިން މޮޅުވީ، 12-11 އިންނެވެ.
ގްރިމްސްބީގެ ބްލަންޑެލް ޕާކުގައި ރޭ ކުޅުނު މެޗުގައި، އެ ޓީމުން ދެ ގޯލު ޖަހައި، ރަނގަޅު ލީޑެއްގައި މެޗުގެ ބޮޑުބައި އޮތެވެ. އެ ގޮތުން މެޗުގެ 22 ވަނަ މިނިޓްގައި، ޗާލްސް ވޭނަމް، ގްރިމްސްބީގެ ފުރަތަމަ ގޯލު ޖެހިއިރު، އޭގެ އަށް މިނިޓް ފަހުން، ޓައިރަލް ވަރެން ވަނީ ގޯލެއް ޖަހައި، ލީޑުފުޅާކޮށްދީފަ އެވެ.
ޔުނައިޓެޑުން މެޗުގެ ތެރެއަށް ވަންނަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ ފަހުކޮޅުގަ އެވެ. އެ ގޮތުން، މެޗުގެ 75 ވަނަ މިނިޓްގައި ކޯބީ މައިނޫ ދިން ބޯޅައަކުން ބްރަޔާން އެމްބުއޭމޯ ވަނީ ގޯލެއް ޖަހައި އުންމީދެއް ހޯދައިދީފަ އެވެ. އަދި، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން، މިނިޓަކަށް ވެފައި ހުއްޓައި، މޭސަން މައުންޓް ދިން ބޯޅައަކުން ހެރީ މެގުއާ ވަނީ ގޯލެއް ޖަހައި، އެއްވަރުކޮށްދީފަ އެވެ.
ޕެނަލްޓީގައި ޔުނައިޓެޑަށް ނާކާމިޔާބުވީ، 13 ޕެނަލްޓީގެ ތެރެއިން، އެމްބުއޭމޯ އާއި މަތެއުސް ކޫންޏާ ޖެހި ޕެނަލްޓީ އެވެ. ގްރިމްސްބީން ވަނީ 13 ޕެނަލްޓީގެ ތެރެއިން 12 ޕެނަލްޓީ ކާމިޔާބުކޮށް މެޗުން މޮޅުވެފަ އެވެ.
ގްރިމްސްބީން އަދި މިހާތަނަށް ޔުނައިޓެޑާ ދެކޮޅަށް ކުޅެގެން ބަލިވެފައިނުވެ އެވެ. އެ ގޮތުން، މީގެ ކުރިން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުވިއިރު، އެއް މެޗުން ގްރިމްސްބީ މޮޅުވި އެވެ. އެއީ، 1946، 1947 އަދި 1948 ވަނަ އަހަރު އެވެ.
ހަތަރު ވަނަ ޑިވިޝަނުގެ ގްރިމްސްބީ އިން ޔުނައިޓެޑް ލީގު ކަޕުން ކަޓުވާލައިފި ހަތަރު ވަނަ ޑިވިޝަނުގެ ގްރިމްސްބީ އިން ޔުނައިޓެޑް ލީގު ކަޕުން ކަޓުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ