ވެރިކަން ލިބިވަޑައިގެންފިނަމަ ފިހާރަތަކަށް ކަތިވަޅި ހިފައިގެން ވަދެ ނޫޅެވޭނެ ކަމަށާއި އެފަދަ މީހުން ގަޔަށް ފުލުހުން ބަޑި ޖަހާނެ ކަމަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެެވެ.
"އާ މިސްރާބަކަށް"ގެ ނަމުގައި ރޭ ވިލިމާލޭގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ ފުލުހުންނަށްވުރެ ގޭންގުތަކުގެ ބާރުގަދަ ކަމަށެވެ.
"އަޅުގަނޑު ތިބޭފުޅުންނަށް ދޭ ޔަގީން ކަމަކީ އަޅުގަނޑުގެ ވެރިކަމެއްގައި މިބާވަތުގެ ކަންކަމެއް [ކަތިވަޅި ހިފައިގެން ފިހާރަތަކަށްވަދެ] ނޫޅެވޭނެ. މިހެން ކަތިވަޅި ހިފައިގެން ވަޅި ހިފައިގެން ފިހާރަ ފިހާރަށް ވަންނަ ކަމަށްވަންޏާ ފުލުހުން ޝޫޓް ކުރާނެ. ފުލުހުން ޝޫޓްކުރާނެ މިކަހަލަ މީސްމީހުން ގަޔަށް" އުމަރު ނަސީރު ވިދާޅުވި އެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި 70 މީހުން މަގުމަތީގައި މަރާލާފައިވާ ކަމަށެވެ. ނަމަވެސް އެކަން ހައްލުކުރަން އެއްވެސް ސަރުކާރަކަށް އެކަށީގެންވާ ފިޔަވަޅު އަޅަން ކެރުނު ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
"ފިޔަވަޅު އަލަން ދަންނަ އެއްވެސް ސަރުކާރެއް އައިކަމަކަށް ވެސް ނުވި،" އުމަރު ވިދާޅުވި އެވެ.
އުމަރު ނަސީރު އިއްޔެ ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
އަމަން އަމާންކަން ދަމަހައްޓާނީ "ޗޮކްލެޓް" ކާންދީގެން ނޫން ކަމަށާއި އެކަންކުރާނީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އެކަން ކުރާ ގޮތަށް ކަމަށް އުމަރު ނަސީރު ވިދާޅުވި އެވެ.
ރާއްޖެއަކީ އަމާން އަދި މަސްތުވާތަކެތިން ސަލާމަތް ކުރެވިފައިވާ ގައުމަކަށް ހަދާނެ ކަމުގެ ޔަގީންކަންވެސް އުމަރު ވަނީ ދެއްވާފަ އެވެ.
އުމަރު ގެންދަވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އޭނާއަށް ކާމިޔާބު ކުރެވިއްޖެނަމަ އިސްލާމީ ޝަރީއަތުގައިވާ ހުކުމްތައް ތަންފީޒު ކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެގޮތުން ވައްކަންކުރާ މީހުންގެ އަތްކެނޑުމާއި މީހުން މަރާ މީހުންނަށް މަރުގެ އަދަބު އިއްވާ ތަންފީޒު ކުރައްވާނެ ކަމަށް އުމަރު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ކަތިވަޅި ހިފައިގެން އުޅޭނަމަ ފުލުހުން ބަޑި ޖަހާނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ