ޔުނައިޓެޑް ބަލިކޮށް ސިޓީން އެފްއޭ ކަޕް ކާމިޔާބު ކޮށްފި

އިނގިރޭސި އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީން ހޯދައިފިއެވެ.
މިރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު އެފްއޭ ކަޕް ފައިނަލް މެޗުގައި ބައްދަލު ކޮށްފައިވަނީ އެއް ސިޓީއަށް ނިސްބަތްވާ ދެ ޓީމް ކަމަށްވާ މެންޗެސްޓާ ސިޓީއާއި މެންޗެސްޓާ ޔުނައިޓެޑެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ސިޓީންނެވެ.
މި ސީޒަންގައި ތިންތަށި ކާމިޔާބު ކުރުމަށް ސިޓީން އަމާޒު ހިފާފައިވާއިރު، މިހާތަނަށް އެ ޓީމުން މިވަނީ ޕްރިމިއާ ލީގާއި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދާފައެވެ. އަންނަ ހޮނިހިރު ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ސިޓީ ނުކުންނާނީ އިންޓަ މިލާނާއި ދެކޮޅަށެވެ. އެ މެޗުން މޮޅުވެގެން މި ސީޒަން ތިން ތައްޓާއިއެކު ނިންމާލައި ސިޓީގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު ސީޒަނަށް ހެދުމުގެ ފުރުޞަތު އެ ޓީމަށް ވަނީ ފަހިވެފައެވެ.
ޕްރިމިއާ ލީގު ޓީމަކަށް މީގެ ކުރިން އެއް ސީޒަންގައި އެފްއޭ ކަޕާއި ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައި ވަނީ އެންމެ ޓީމަކަށެވެ. ޔުނައިޓެޑުން ވަނީ 1999 ވަނަ އަހަރި މި ތިންތަށި ކާމިޔާބު ކޮށްފައެވެ.
މެޗު ފެށިތާ 12 ވަނަ ސިކުންތުގައި ސިޓީން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ޔުނައިޓެޑްގެ އޭރިއާ ބޭރުން ފޮނުވާލި ވޮލީއަކުން ކާމިޔާބު ކޮށްދިނީ ސިޓީގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ގުންޑޮގަންއެވެ. މިއީ އެފްއޭ ކަޕް ތާރީޚުގައި ވެސް އެންމެ އަވަސް ގޯލެވެ. މީގެ ކުރިން މި ރެކޯޑް އޮތީ ލުއިސް ސާހާ އަތުގައެވެ. 2009 ވަނަ އަހަރު އެފްއޭ ކަޕް ފައިނަލުގެ ޗެލްސީއާއި އެވަޓަން ބައްދަލުކުރި މެޗުގައި އެވަޓަންގެ ފޯވާޑް ސާހާ ވަނީ އެ މެޗުގެ 25 ވަނަ ސިކުންތުގައި ލަނޑު ޖަހާފައެވެ.
ޔުނައިޓެޑުން ވަނީ މެޗުގެ 33 ވަނަ މިނެޓުގައި ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ބްރޫނޯ ފެނާންޑޭޒް އެވެ. ޔުނައިޓެޑަށް މި ޕެނަލްޓީ ލިބިފައި ވަނީ ޔުނައިޓެޑްގެ ޑިފެންޑަރ ވެން ބިކާސާ ސިޓީގެ އޭރިއާތެރެއަށް ބޮލުން ހުރަސްކުރަން މަސައްކަތްކުރި ބޯޅަ ސިޓީގެ ގްރީލިޝް އަތުގައި ޖެހުމުންނެވެ. މި ޕެނަލްޓީ ދީފައި ވަނީ ވީއޭއާރުން ބެލުމަށް ފަހުއެވެ.
ސިޓީން ވަނީ ދެވަނަ ހާފުގެ ކުރީކޮޅު ލަނޑު ޖަހައި މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. ޑިބްރޭނާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މި ލަނޑު ވެސް ކާމިޔާބު ކޮށްދީފައި ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު ގުންޑޮގަން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ