އެހެން މީހަކަށް ވެރިކަން ލިބެން ނަޝީދު ނޭދޭނެ: ގާސިމް

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފިޔަވައި އިތުރު އެހެން ބޭފުޅަކު ރާއްޖޭ ވެރިކަމުގައި ހުންނަވަން އެމަނިކުފާނު ބޭނުންފުޅު ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
ވީޓީވީއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ގާސިމް ވަނީ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފަ އެވެ.
ގާސިމް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއާ ގުޅިގެން އޭނާ ކައިރިއަށް ރައީސް ނަޝީދު ވަޑައިގެން މީގެކުރީގެ ރިޔާސީ އިންތިހާބުތަކުގައި ކާމިޔާބު ހޯދިފައިވަނީ ގާސިމްގެ އެހީތެރިކަމާއެކު ކަމަށް ނަޝީދު ވިދާޅުވި ކަމަށާއި އެގޮތުން މިފަހަރަކީ ގާސިމް ވެރިކަމަށް ގެންނަން ވީ ފަހަރު ކަމަށްވެސް ނަޝީދު ދެންނެވި ކަމަށެވެ.
ނަމަވެސް މި ވާހަކަތައް ދައްކަވާއިރު ވެސް ނަޝީދަކީ ކޮން ކަހަލަ ބޭފުޅެއްކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ގާސިމް ވިދާޅުވި އެވެ. ރައީސް ނަޝީދަކީ އަމަލާ ބަސް ދިމާ ނުވާ ބޭފުޅެއްގެ ގޮތުގައިވެސް ސިފަކުރެއްވި އެވެ.
ރައީސް ނަޝީދަށް ކަމަކު ނުދާނެ އެބޭފުޅާ ނޫން މީހަކު ވެރިކަމުގައި ހުންނާކަށް. އެހެން މީހަކަށް އެ ފުރުސަތު ދީގެން އެމަނިކުފާނަށް އެތަން ބަލަން ކެތެއް ނުވާނެ،"
ގާސިމް ވިދާޅުވީ އޭރު ކުރެވުނު މަޝްވަރާތަކުގައި ނަޝީދުގެ ފަރާތްޕުޅުން ތަފްސީލީ ކަރުދާހެއް ހުށައެޅުއްވި ކަމަށާއި ނަމަވެސް އެ ކަރުދާހުގައި ހުރި ކަންކަމުން ހާމަވީ އެމަނިކުފާނަކީ ނަޝީދު ވެރިކަމަށް ގެނެސްދޭން މަގު ކޮށައިދޭ މީހަކަށް ހެއްދެވުން ކަމަށް ވިސްނިވަޑައިގެންނެވި ކަމަށެވެ.
ގާސިމް ވިދާޅުވީ ރައީސް ނަޝީދާ އެކު އޭނާ ކޯލިޝަނެއް ހެދި ނަމަ އެމްޑީޕީ ހަލާކުކޮށްލީ ގާސިމް ކަމަށް އެމްޑީޕީގެ މެންބަރުން ބުނާނެ ކަމަށާއި އެ "ޓެގް" ބޭނުން ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ