ރާއްޖޭގެ ވެރިކަމަށް މިވަގުތު ބޭނުން ވަނީ "ފުލުހެއް" ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ، އުމަރުގެ ގޯތި ގެދޮރުގެ ސިޔާސަތު އިއުލާންކުރުމަށް ބޭއްވި އިވެންޓުގައި ވާހަކަ ދައްކަވަމުންނެވެ.
އުމަރު ވިދާޅުވީ، އޭނާ އަކީ "ލޯ އެންޑް އޯޑާ" ކެންޑިޑޭޓެއް ކަމަށާއި އޭނާ ފިޔަވައި މިފަހަރުގެ ރިޔާސީ އިންތިހާބުގައި ގާނޫނު ތަންފީޒު ކުރުމުގެ ތަމްރީނު ހަދާ އެކަމަކު ތަޖުރިބާއާއެކު އަންނަ މީހަކު ނުހުންނާނެ ކަމަށެވެ. އޭނާގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އަމާން މުޖްތަމައުއެއް ގާއިމު ކުރުމަށް ކަމަށް ވިދާޅުވެ ކުށްކުރަން އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވި ގޮތުގައި ރެ އާއި ދުވާލު ބިރެއް ނެތި ކުށްވެރީން ދަނީ ތަފާތު އެކި ކުށްތަކަށް އަރައިގަންނަމުންނެވެ. އޭނާގެ ވެރިކަމެއްގައި އެފަދަ އެއްވެސް ކަމަކަށް ކުޑަވެސް ފުުރުސަތެއް ނުދެއްވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ، ރާއްޖޭގެ ވެރިއަކަށް ގެންނަން ޖެހެނީ ފުލުހެއް ކަަމަށާއި ފުލުހުންނަކީ ފަސްޖެހުމެއް ނެތި ގާނޫނު ތަންފީޒު ކުރާނެ، ކުރަން ކެރޭނެ ބައެއް ކަމަށެވެ. އޭނާއަކީ އެފަދަ ވެރިއަކަށް ވާނެ ކަމަށާއި ހޯމް މިނިސްޓަރުކަން ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައިވެސް އެކަން ސާބިތުކޮށްދެއްވާފައި ވާނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އޭނާއަކީ އިލްމުވެރިއެއް ނޫން ކަމަށާ އަދި ހަލީފާއެއް ކަމަށް ދެކި ވެރިކަމަށް ކުރިމަތިލައްވައިގެން އުޅުއްވާ ބޭފުޅެއް ނޫން ކަމަށެވެ. ނަމަވެސް އޭނާއަކީ މި ރާއްޖޭގައި އިސްލާމީ ޝަރީއަތް ގާއިމު ކުރައްވާ ހަގީގީ އިސްލާމީ ވެރިކަމެއް ކުރައްވާނެ ވެރިއަކަށް ވެވަޑަައިގަންނަވާނެ ކަމަށެވެ.
އުމަރުގެ އިތުރުން މިހާތަނަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީޕީއެމް/ ޕީއެންސީ ގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރެވެ. އަދި ރައީސް ސޯލިހާއެކު އަދާލަތު ޕާޓީ އަދި އެމްޑީއޭއިން ވަނީ ކޯލިޝަން ހަދާފައެވެ.
ރާއްޖޭގެ ވެރިކަމަށް ބޭނުން ވަނީ ފުލުހެއް: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ