ހެނދުނާއި ހަވީރުގެ ދުޢާތައް ކިޔުމުން ލިބޭ ފައިދާތަކުން ސޯޅަ ކަމެއް

ޢާއިޝަތު ރަފާޙް ޢަލީ
 
މާތް ﷲ ކީރިތި ގުރްއާނުގެ ބަގަރާ ސޫރަތުގެ 152 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 
فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ ‎﴿١٥٢﴾‏
މާނައީ: "ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން شكر ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން كافر ނުވާށެވެ! (152)" 
ﷲ ތަޢާލާ އަޅުގަނޑުމެން އެކަލާނގެއަށް ގިނަގިނައިން އަޅުކަން ކުރުމަށާއި ޛިކުރު ކުރުމަށް އަންގަވާފައިވެއެވެ. ﷲ ތަޢާލާއަށް ޛިކުރު ކުރުމަކީ ވަރަށް ފަސޭހަ އަދި ލުއިކަން ހުރި އަޅުކަމެކެވެ. އެއީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ މަސައްކަތެއް ކުރަން ޖެހޭ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ހިތާއި ސިކުނޑީގެ ޙާޟިރީއާއެކު ދުލުން ހަރަކާތްތަކެކެވެ.
އޭގެ ޘަވާބަކީ ފައިދާ ވަރަށް ބޮޑެވެ. އޭގެ މަންފާ ދުނިޔޭގައި އަދި އާޚިރަތުގައިވެސް ޛިކުރުކުރާ އަޅަކަށް ލިބެއެވެ. އޭގެ ވަގުތަކީ މުޠުލަޤު ވަގުތެކެވެ. އަދި އަޅާއަށް ކޮންމެ ޙާލަތެއްގައިވެސް އޭނާގެ ވެރިރަސްކަލާނގެ ހަނދުމަކޮށް ޛިކުރު ކުރެވޭނެއެވެ. އެކަމަކު ވަކި ވަގުތަކާއި ވަކި އަދަދަކަށް ޚާއްޞަ ޛިކުރުތަކެއް ހުރެއެވެ. ނިދާއިރު ކިޔާ ޛިކުރު، ހެނދުނާއި ހަވީރު ކިޔާ ޛިކުރު ފަދަ ޛިކުރުތަކެވެ. އެއީ އެކަމުގައި ކެތްތެރިންނަށް އެކަނި ވިސްނޭނެ ޝަރަފާއި ނިޢުމަތެއް އޮތް ކަމެކެވެ. 
ހެނދުނާއި ހަވީރު ދުޢާ ކިޔުމުގެ މާތްކަމުގެ ތެރެއިން: 
1-   މާތްالله ގެ ރުހިވޮޑިގަތުން ލިބިގެންދިޔުން
2-   މާތްރަސްކަލާނގެއަށް އީމާންކަން އިތުރުވޭ
3-   މާތް الله  އާއި މެދު ގާތް ގުޅުމެއް އޮތުން
4-   އިންސާނުންނާއި ޖިންނީންގެ ނުބައިކަމާއި ހުރިހާ މަޚްލޫޤުންގެ ނުބައިކަމުން ރައްކާތެރިކަން ލިބިގެންދިޔުން
5-   މާތްރަސްކަލާނގެ ރައްކާތެރިކަމާއި އެކަލާނގެ ޙިމާޔަތް ލިބިގެން ދިޔުން
6-   ފާފަތަކާއި ނުބައި ޢަމަލުތައް ފުއްސަވައިދެއްވެވުން
7-   ހެޔޮ ޢަމަލުތަކާއި، ޘަވާބު އިތުރުވުން
8-   މާތްالله ގެ މާތްކަމާއި އެކަލާނގެ ދީލަތިކަމުގެ ސަބަބުން ސުވަރުގެ ވެއްދެވުން
9-   މާތް الله  ގެ ދާއިމީ ނިޢުމަތްތަކާއި ބަރަކާތް އިތުރުވުން
10-   ދުނިޔެއާއި އާޚިރަތުގައި ކަންބޮޑުވުމާއި ހިތާމަތަކުން ރައްކާތެރިކަން ލިބުން
11-   ހިތަށް ހަމަޖެހުމާއި ލުއިކަން ލިބުން
12-   ޝައިޠާނާއާއި އޭނާގެ ރޭވުންތަކުގެ ކިބައިން ރައްކާތެރިކަން ލިބުން
13-   ހަސަދަވެރިކަމާއި ނުބައި ލޯތަކުން ރައްކާތެރިކަން ލިބުން
14-   ހަށިގަނޑަށް ބާރާއި ހަކަތަ ލިބުން
15-   ރިޒުޤު ލިބުމާއި ދަރަނި އަދާކުރަން މަގުފަހިވުން
16-   އެމީހަކު އުޅޭތަން ސަލާމަތްކުރެއްވެވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ