''ސިއްހީ ދާއިރާގެ މުސާރަތަކަށް ގެނައި ބަދަލާއެކު އެދާއިރާއިން ކިޔެވުމަށް ލިބޭ އިތުރު ހިތްވަރަކަށް ވެގެންދާނެ''

ސިއްހީ ދާއިރާގެ މުސާރަތަކަށް ސަރުކާރުން ގެނައި ބަދަލުގެ ސަބަބުން އެދާއިރާއިން ކިޔެވުމަށް ލިބޭ އިތުރު ހިތްވަރަކަށް ވެގެންދާނެކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނު މިހާރު ބަންގްލަދޭޝަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެތެރެއިން އެ ގައުމުގައި ތިބި ދިވެހި ކިޔަވާކުދިންނާއި، ދިވެހި ޢާއިލާތަކާ މިއަދު ބައްދަލުކޮށްލައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ޞިއްޙީ ދާއިރާގެ މުސާރައަށް ގެންނެވި ބަދަލުގެ އިތުރުން، އެ ދާއިރާގެ ތަރައްޤީއަށް ކުރައްވަންޖެހޭ އެހެނިހެން ކަންތައްތަވެސް ސަރުކާރުން މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ.
ޓީޗަރުންނާއި ޑޮކްޓަރުންނަކީ، ޤައުމަށާއި މުޖުތަމަޢަށް މުހިންމު ޚިދުމަތެއް ކޮށްދޭ ބައެއްގެ ގޮތުގައި ސަރުކާރުންދެކޭ ކަމަށާއި، މިގޮތުން ރާއްޖޭގެ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ދިވެހިންގެ އަދަދު އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.
ނައިބު ރައީސް ވަނީ، ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ޑޮކްޓަރުކަން ކިޔެވުމަށާއި، އަދި ޚާއްޞަ އެކި ދާއިރާތަކުން ސްޕެޝަލައިޒްވުމަށް ބަންގްލަދޭޝް ޚިޔާރުކުރާކަން ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން ބަންގްލަދޭޝް ސަރުކާރާއި ދިވެހި ސަރުކާރުގެ މެދުގައި އޮތް އެކުވެރި ގާތްގުޅުން ފާހަގަކުރައްވައި، ދިވެހި ދަރިވަރުންނަށް ވިސާ ހޯދުމުގައި ދިމާވި ދަތިތަކަށް ވެސް މިހާރު ހައްލެއް ހޯދިފައިވާކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ދުނިޔޭގެ ކޮންމެ ޤައުމެއްގައި ދިވެހިން ދިރިއުޅުނު ނަމަވެސް އެފަރާތްތަކަށް ދޭންޖެހޭ ޚިދުމަތްތަކުގައި ސަރުކާރުން ތަފާތެއް ނުގެންގުޅޭނެ ކަމަށާއި، ރާއްޖެއިން ބޭރުގައި ވަޒީފާ އަދާކުރާ ދިވެހިންނާއި، އަދި ކިޔަވާ ކުދިންގެ ކަންކަން އަބަދު ވެސް ޚާރިޖިއްޔާއިން ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.
ނައިބު ރައީސް ފައިޞަލް ނަސީމް ބަންގްލަދޭޝްއަށް ވަޑައިގެންނެވީ، 6 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ