ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މައި ވިޔަފާރި ކުންފުނި، ޔޮޓް ޓުއާޒް އިން ހިންގި ހއ. އަލިދޫ ރިސޯޓުން ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދައްކަން ސިވިލް ކޯޓުން އެންގި 29 މިލިއަން ޑޮލަރު (448 މިލިއަން ރުފިޔާ) ކުޑަކޮށްދެވެން ނެތް ކަމަށް ނިންމައި އެ ފައިސާ ދައްކަން ދަށު ކޯޓުން ކުރި ހުކުމް ހައި ކޯޓުން އިއްޔެ ދަމަހައްޓައިފި އެވެ.
މައްސަލައިގެ ފެށުން - ޔޮޓް ޓުއާޒް ކުންފުނިން ހިންގަމުން އައި ހަމައެކަނި ރިސޯޓު ކަމަށްވާ އަލިދޫން ކުލި ނުދެއްކުމުން:
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާކުރީ 2017ގައި
ސިވިލް ކޯޓުން 2018ގައި ހުކުމްކުރީ ކުއްޔަށް 5.6 މިލިއަން ޑޮލަރު އަދި ކުލި ނުދެއްކުމުން އަރާފައިވާ 23.4 މިލިއަން ޑޮލަރުގެ ޖޫރިމަނާއާ އެކު ޖުމްލަ 29 މިލިއަން ޑޮލަރު ދައްކަން
އެ ފައިސާ ދައްކަން ޔޮޓް ޓުއާޒްއަށް ދިނީ އެއް އަހަރު
ވީ ކިހިނެއް؟ - ދަށު ކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވާ ޖޫރިމަނާ މާ ބޮޑު ކަމަށް ބުނެ ޔޮޓް ޓުއާޒް އިން އެ ހުކުމް އިސްތިއުނާފްކުރި އެވެ. އެ އިސްތިއުނާފް މައްސަލައިގައި، ފަނޑިޔާރު އަލީ ސަމީރު ރިޔާސަތު ބެލެހެއްޓެވި އަދި ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ ހިމެނިވަޑައިގެންނެވި ހައި ކޯޓުގެ ބެންޗުގެ އިއްތިފާގުން ކުރި ހުކުމުގައި ބުނީ:
ރިސޯޓުތަކުން ކުލި ނެގުމާ ބެހޭ ގަވާއިދުގައިވާ ގޮތުން، ކުލި ނުދައްކާ ކޮންމެ ދުވަހަކަށް %0.5 ޖޫރިމަނާގެ ގޮތުގައި އަރަމުންދާނެ ކަމަށް
އަލިދޫ ކުއްޔަށް ދޭން ސަރުކާރާއި ޔޮޓް ޓުއާޒްއާ ދެމެދު ހަދާފައިވާ އެއްބަސްވުމުގައި ވެސް ޖޫރިމަނާގެ މިންވަރު އޮތީ ގަވާއިދުގައިވާ ގޮތަށް ކަމަށް
އެހެންވެ، ދަށު ކޯޓުން ޖޫރިމަނާގެ ފައިސާ ނަގައިދީފައިވަނީ ރަނގަޅަށް ކަމަށް
މީގެ އިތުރުން، 2014ގައި އަލިދޫ ރިސޯޓު ބަންދުކުރި މުއްދަތަަށް ކުއްޔާއި ޖޫރިމަނާ ނެގުން ނުހުއްޓުވޭނެ ކަމަށް ސިވިލް ކޯޓުން ކޮށްފައިވާ އެހެން ހުކުމަކަށް ހައި ކޯޓުން ތާއީދުކޮށްފައި ވާކަން މި ހުކުމުގައި ހައި ކޯޓުން ފާހަގަކޮށްފައިވެ އެވެ.
ގުޅުންހުރި ކަމެއް - މޫސުން ގޯސްވެ ލިބުނު ގެއްލުންތަކަކާ ގުޅިގެން އަލިދޫ ރިސޯޓު 2014ގައި ބަންދުކުރި އިރު، އެ ގެއްލުންތަކުގެ ބަދަލެއްގެ ގޮތުން އިންޝުއަރެންސްގެ ތެރެއިން 22 މިލިއަން ޑޮލަރު (339.9 މިލިއަން ރުފިޔާ) ޔޮޓް ޓުއާޒްއަށް ދޭން ސިވިލް ކޯޓުން އެލައިޑުގެ މައްޗަށް ހުކުމެއް ކޮށްފައިވެ އެވެ.
އެލައިޑުން އެ ހުކުމް އިސްތިއުނާފުކުރުމުން އެ މައްސަލަ މިހާރު ހައި ކޯޓުގައި އެބަ ހިނގަ އެވެ.
ޖާބިރުގެ އަލިދޫން 29 މިލިއަން ޑޮލަރު ދައުލަތަށް ދައްކަން ހައި ކޯޓުން ވެސް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ