ހިޔާގެ 8 ޓަވަރަކުން ކަރަންޓު ކެނޑިއްޖެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތައް ހިމެނޭ 8 ޓަވަރަކުން ކަރަންޓު ކެނޑިއްޖެއެވެ.
ހިޔާ ޓަވަރުގެ ކަރަންޓު ވަޔަރިން މަސައްކަތްތައް ކޮށްފައިވަނީ އެ ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރެވެ. ނަމަަވެސް ފްލެޓްތަކަށް ކަރަންޓު ފޯރުކޮށްދެނީ ސްޓެލްކޯގެ ކަރަންޓު ވިއުގައިންނެވެ.
ސްޓޭލްކޯއިން ބުނީ ހިޔާ ޓަވަރު 1 އިން ފެށިގެން ހިޔާ ޓަވަރު 8އާ ހަމައަށް ހުރިހާ ޓަވަރަކުން ކަރަންޓު ކެނޑިފައިވާކަމަށެވެ. އަދި ކަރަންޓު ކެނޑެން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑިފައިވަނީ އިންޖީނުގޭގެ މައްސަލައަކުން ނޫންކަމަށެވެ. އެހެންކަމުން ކަރަންޓް ކެނޑުނީ އެ ސަރަޙައްދުގައި ހުރި ޓްރާންސްފޯމަރުތަކުގެ މައްސަލައަކުންތޯ ބަލަމުންދާކަމަށާއި ބޮޑަށް ބެލެވެނީ ކޮންމެވެސް 1 ޓަވަރެއްގެ ކަރަންޓުގެ މައްސަލައަކުން ކަރަންޓު ކެނޑެން މެދުވެރިވީކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ދަނީ ފަހަރަކު ޓަވަރަކަށް ކަރަންޓު ދީ، މައްސަލަ ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.
ކަރަންޓު ކެނޑެން މެދުވެރިވި ސަބަބު ދެނެނުގަނެވޭތީ، މައްސަލަ ޙައްލުކުރުމަށް ނަގާނެ ވަގުތު ބުނަން ނޭނގޭކަމަށް ސްޓެލްކޯއިން ބުނެއެވެ. ނަމަވެސް ވީހާވެސް އަވަހަށް މައްސަލަ ޙައްލުކުރުމަށް ސްޓޭލްކޯއިން އަންނަނީ މަސައްކަތް ކުރަމުންކަމަށް އެ ކުންފުނިން ބުނެެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ