ދެރަވިޔަސް، އަސަރު ކުރިޔަސް، ޔާމީނަކީ ކުށްވެރިއެއް: މެމްބަރު އީސާ

ކިތަންމެ ދެރަވިޔަސް، އަސަރު ކުރިޔަސް، ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަނުގެ ލީޑަރު އަބްދުﷲ ޔާމީނަކީ ކުށް ސާބިތުވެފައި ހުރި ކުށްވެރިއެއް ކަމަށާއި ރަމަޟާންމަހާއި ހައްޖުމަހު ކުށްވެރިން ގެއަށް ބަދަލުކޮށް ހަދަން ގާނޫނަކު ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވެއްޖެއެވެ.
މެމްބަރު އީސާ މިފަދައިން ވިދާޅުވީ، މަޖިލިހުގެ މިއަދުގެ ޖަލްސާގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެންނެވެ. އެގޮތުން މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ، ރައީސް ޔާމީން، މި ބަރަކާތްތެރި ރަމަޟާންމަހު އަނިޔާވެރިކަމާ އެކީގައި ޖަލުގައި އޮންނަންޖެހުން ހިތާމައާއެކު ކުށްވެރިކުރައްވާ ކަމަށެވެ.
މެމްބަރުގެ މި ވާހަތަކަށް ރައްދުދެއްވާ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ، ރައީސް ޔާމީނަކީ ކުށެއް ކޮށްގެން އެ ކުށް ކުރިކަން ސާބިތުވެގެން ޖަލަށްލާފައިހުރި "ކުށްވެރިއެއް" ކަމަށާއި، ވަކި މަހެއް އައުމަކުން އެމަނިކުފާނު މިނިވަންކުރަން ނުޖެހޭނެ ކަމަށެވެ.
ވ. އާރަށު ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިން ދައުވާ ސާބިތުވެ ޔާމީން 11 އަހަރު ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު 25 ގައެވެ. ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފް ވެސް ކޮށްފައެވެ. ރައީސް ޔާމީންގެ ވަކީލުންނާ ހަވާލާދީ މީގެކުރިން "ވީނިއުސް"އާ ވާހަކަދައްކަވަމުން މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން ވިދާޅުވީ، މި ހިނގާ މާޗު މަސް ނިމުމުގެ ކުރިން ރައީސް ޔާމީން މިނިވަންވާނެ ކަމަށެވެ.
އެހެންނަމަވެސް މި މަސް ނިމެން ހަތަރު ވަރަކަށް ދުވަހަށް ވެފައިވާއިރު، މިއީ ވުމަށްވުރެ ނުވުން ގާތް ކަމެއްގެ ގޮތުގައި ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ