10 އަހަރު ކުރީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެއް ނުބެލޭނެ ކަމަށް ހުކުމްކޮށްފި

ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވޭ ގޮތަށްގާނޫނުގައި ކުރިން އޮތް މާއްދާ ބާތިލްކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިތާ 10 އަހަރު ފަހުން އެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް މިއަދު ހުކުމްކޮށްފި އެވެ.
ޕާޓީތަކުގެ ގާނޫނު 2013 ވަނަ އަހަރު ވުޖޫދަށް އައިއިރު، 10،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވޭ ގޮތަށް މާއްދާއެއް އޮތެވެ. މިހާރުގެ ނޭޝަނަލް ޑްރަގް އެޖެންސީގެ ސީއީއޯ އިމާދު ސޯލިހްގެ ފަރާތުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް 2013 ވަނަ އަހަރު ހުށަހެޅި އެވެ.
އެ މައްސަލަ ހުށަހެޅިތާ 10 އަހަރު ފަހުން މިއަދު ބޭއްވި އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ، ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ސުޕްރީމް ކޯޓުން ފުރަތަމަ މަރުހަލާގައި ބަލަން ޖެހޭނީ ގައުމުގެ އާންމު މަސްލަހަތު ހިމެނޭ ނުވަތަ ދައުލަތުގެ ދެ ބާރެއްގެ ދެމެދުގައި އުފެދިފައިވާ މައްސަލަތައް ކަމަށެވެ. އެ ނޫން ދުސްތޫރީ މައްސަލަތައް ހުށަހަޅަން ޖެހޭނީ ހައި ކޯޓަށް ކަމަށް ގާނޫނުގައި ބުނެފައިވާ އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ މައްސަލައަކީ ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓުން ބެލޭނެ ދުސްތޫރީ މައްސަލައެއް ކަމަށް ނުބެލެވޭ ކަަމަށެވެ. އަދި އޭރު ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގަތީ އެކަންކަމަށް ރިއާޔަތްކޮށްގެން ކަމަށް ނުބެލެވޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެހެންވެ، އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އެ މައްސަލަ ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށެވެ.
ޕާޓީތަކުގައި 10,000 މީހުން ހަމަނުވާ ނަމަ ޕާޓީ އުވޭ ގޮތަށް އޮތް މާއްދާ ކުރިން ސުޕްރީމް ކޯޓުން އޮތީ އެހެން މައްސަލައެއްގައި ބާތިލްކޮށްފަ އެވެ. މިހާރު އޭގެފަހުން ގާނޫނު ވެސް ވަނީ އިސްލާހުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ