ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ: ސްޓެލްކޯ

ސްޓެލްކޯގް ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެގޮތުން ސްޓެލްކޯއިން ބުނެފައިވަނީ މިއަދު މެންދުރު 14:00 އިން 14:30 އަށް މާފަންނުގެ މުނިޔަ މަގާއި، މަޖީދީމަގު، އިއްޒުއްދީން މަގާއި، ޝަހީދު އަލީ ހިނގުމުގެ އިތުރުން ހަނދުވަރީ ހިނގުމުން ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށެވެ.
މިއާއިއެކު މިއަދު މެންދުރު 14:45 އިން 15:15 އަށްވެސް މާފަންނުގެ މުނިޔަ މަގާއި، މަޖީދީމަގު، އިއްޒުއްދީން މަގާއި، ގަދަކޯޅި މަގުގެ އިތުރުން ހަނދުވަރީ ހިނގުމުން ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
މީގެ އިތުރުން މާފަންނުގެ އަބަދަށްފެހި މަގާއި، ގުލޭނޫރަންމަގު، ކަރަންކާމަގު، ހިތަށްފިނިވާމަގު، ސިއްކަ ގޯޅި އަދި ކަނދިލި ގޯޅިން މިއަދު މެންދުރު 14:00 އިން 16:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އަދި ހަމަ މި ގަޑީގައި ހެންވޭރުގެ ފިޔާތޮށި މަގާއި، އިތާ ގޯޅި، ހަވީރީ ގޯޅި އަދި ކެނެރީ ގޯޅިން ވެސް ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ސްޓެލްކޯއިން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުން ދިމާވާނެ ދަތިތަކަށް މާފަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ