ފިއްލަދޫއަށް 12 ގްރާމު ޑްރަގް އެތެރެކުރި މީހަކު އުމަރަށް ޖަލަށް ލުމަށް އެ ރަށު ކޯޓުން ހުކުމް ކޮށްފި

ހއ. ފިއްލަދޫއަށް 12 ގްރާމު މަސްތުވާތަކެތި އެތެރެކުރި މީހަކު އުމުރު ދުވަހަށް ޖަލަށް ލައި އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވަނީ ފިއްލަދޫ/ ބަށިމާގެ, އާދަމް ނައީމުގެ މައްޗަށެވެ. އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު ފިއްލަދޫއަށް މުދާ ހިފައިގެން ދިޔަ ބޯޓަކުން އެ ރަށަށް މަސްތުވާތަކެތި އެތެރެ ކުރިކަމުގެ ތުހުމަތުގައެވެ. މަސްތުވާތަކެތި ފެނިފައިވަނީ ބޯޓުން ބޭލި ނޫޑުލްސް ކޭހެއްގެ ތެރޭގައި އޮތް ނޫޑުލްސް ޕެކެޓެއްގެ އިތުރުން އެ ފޮށި ތެރޭގައި އޮތް ސިނގިރޭޓު ފޮއްޓަކުންނެވެ. ބޯޓުން ބާލާފައި އިން ނޫޑުލްސް ކޭސް ބަލައި އާދަމް ނައީމް ދިއައީ ކުޑަކުއްޖެއް ގޮވައިގެންނެވެ. އެ ކުޑަކުއްޖާ ނޫޑުލްސް ކޭސް ނަގައިގެން އައިސް ސައިކަލު މަތީގައި އިން އާދަމް ނައީމްއާ ހަވާލު ކުރުމުން އޭނާ އެތަނުން ދިޔައީއެވެ. ސައިކަލު ދުއްވާލުމާ އެކު އާދަމް ނައީމް ހުއްޓުވުމަށް އެ ސަރަހައްދުގައި ތިބި ފުލުހުން މަސައްކަތް ކުރުމުން އޭނާ ވަނީ ނޫޑުލްސް ކޭސް އެއްލާލައި ފިލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އޭނާގެ ހާޒިރުގައި ފުލުހުން އެ ނޫޑުލްސް ކޭސް ކަނޑައި ބެލިއިރު އޭގެ ތެރެއިން ނޫޑުލްސް ޕެކެޓެއްގެ ތެރޭގައި 6.2314 ގްރާމު ކެނަބިސް ހުއްޓެވެ. އަދި އެ ފޮށި ތެރޭގައި އޮތް ސިނގިރޭޓް ފޮއްޓެއްގެ ތެރޭގައި 6.0154 ގްރާމް ޑައިމޯފިން ހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އާދަމް ނައީމްގެ މައްޗަށް އުފުލި ދައުވާއަށް އޭނާ ވަނީ އިންކާރު ކޮށްފައެވެ. އަދި އޭނާ އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށާއި އެތަކެއްޗަކީ އޭނާ ބޭނުން ކުރުމަށް ގެނައި ތަކެތި ކަމަށް ތަހުގީގު މަރުހަލާގައި ވަނީ ބުނެފައެވެ. ނަމަވެސް މީހެއްގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަން ހަތަރު ގްރާމަށް ވުރެ އިތުރުވާ ނަމަ ބެލެވޭނީ ވިޔަފާރި ކުރުމަށް އަތުގައި ބެހެއްޓުން ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ. ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހަށް ރިއާޔަތްކޮށް މައްސަލަ ބެއްލެވި ހއ. މުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ހަސަން ފަޔާޟް ނިންމާފައިވަނީ އާދަމް ނައީމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އެހެންކަމުން އޭނާ އުމުރަށް ޖަލަށް ލައި އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ