އާމްދަނީގެ 60 ޕަސެންޓް ހޭދަކުރީ ގައުމަށް: ގާސިމް

ލިބުނު އާމްދަނީގެ 60 ޕަސެންޓް ހޭދަކުރީ ގައުމުގެ ކުރިއެރުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އިއްޔެ ހެނދުނު "ރާއްޖެޓީވީ" އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ގާސިމް ވިދާޅުވީ އޭނާ މިހާތަނަށް ކުރެއްވި މަސައްކަތް ވަރަށް ކާމިޔާބު ކަމަށާއި ހުންނެވީ ވަރަށް އުފަލުގައި ކަމަށެވެ. އެގޮތުން ލިބުނު އާމްދަނީގެ ގާތްގަނޑަކަށް 60 ޕަސެންޓް ހޭދަ ކުރީ ދިވެހި ގައުމުގެ ކުރިއެރުމާއި ދިވެހި ރައްޔިތުންނަށް ކިޔަވައިދިނުމާއި އެހީތެރިވެދިނުމާއި މާތްﷲ ގެ މަގުގައި ހޭދަ ކުރުމަށް ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑަށް ލިބުނު އަނެއް 40 ޕަސެންޓަކީ އަޅުގަނޑުގެ އިންވެސްޓްމަންޓް. މިއަދު އަޅުގަނޑު އުމުރުން 72 އަހަރު ފުރި 73 އަހަރަށް ލައިގެން މިދަނީ. އައި ހޭވް ޑަން އިނަފް ފޯ ދިސް ނޭޝަން." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އޭނާ މިއަދުވެސް ކުރައްވަނީ އިސްލާހީ މަސައްކަތް ކަމަށާއި އެ މަސައްކަތުގައި ނަގަން ޖެހުނު ފިޔަވަޅެއް އަޅައިގެން ހޯދަންޖެހޭ މަގާމެއް ހޯއްދަވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ވެސް މިއަދު ހުންނެވުމުގެ ބޭނުމަކީ އެއީ ކަމަށާއި ކުރާނެ އިތުރު ކަމެއް ނެތް ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
މީގެއިތުރުން ގާސިމް ވަނީ އޭނާގެ ލެގަސީ އަކީ އިސްލާހީ މަސައްކަތް ކަމަށާއި ކޮންމެ ގޮތެއް ހަދައިގެން ވެރިކަމަށް ވަޑައިގެންނެވުމަކީ އޭނާގެ ލެގަސީއެއް ނޫން ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ކޮންމެ ގޮތެއް ހަދައިގެން ވެރިކަން ބޭނުން ނަމަ އެކަން ކުރެވޭނެ އެހެން ގޮތް ގޮތް ވެސް އެބަހުރި ކަމަށް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ