ސްޓެލްކޯއިން އިތުރު ވިޔަފާރިތަކަށް ވަދެ, އޭގެން ލިބޭ ނަފާއިން ކަރަންޓުގެ ޓެރިފް ކުޑަކުރަނީ

އިތުރު ވިޔަފާރިތައް ދިރާސާކޮށް އޭގެން ލިބޭ ނަފާއިން ކަރަންޓުގެ ޓެރިފްތައް ކުޑަކުރަން ސްޓެލްކޯއިން ނިންމައިފި އެވެ.
ސްޓެލްކޯއިން އެގޮތަށް ނިންމީ އެ ކުންފުނިން މިއަދު ބޭއްވި މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގަ އެވެ. އެ ޖަލްސާގައި އެ ކުންފުނިން އަމާޒުކުރާ ކަންތައްތަކުގެ ލިސްޓެއް އިއުލާން ކުރި އެވެ.
އޭގެ ތެރޭގައި ކުންފުނީގެ މިހާރުގެ އަމާޒަކީ ސަރުކާރުގެ ނެޓްޒީރޯ އަމާޒަށް ވާސިލުވުމެވެ. ތެލަށް ބަރޯސާވާ މިންވަރު ވީހާވެސް ކުޑަކޮށް، ކުންފުނީގެ ހިންގުމުގެ ހަރަދު ކުޑަކުރުމެވެ.
އަދި ސްޓެލްކޯގެ ގްރިޑްގައި ބޭނުންކުރާ 35 ޕަސެންޓް ހަކަތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަށާއި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކޮށް، އިޔާދަކުރަނިވި ހަކަތައިގެ އެހެނިހެން ވަސީލަތްތައް ތަޖުރިބާ ކުރުންވެސް އަމާޒު ލިސްޓުގައި ހިމަނާފައިވެ އެވެ.
ސްޓެލްކޯއިން އިތުރަށް ވަނީ, އެ ކުންފުނީގެ ވިޔަފާރި ޑައިވާސިފައިކޮށް، ސޭލްސް ސެންޓަރާއި ސާވިސް ސެންޓަރުގެ ވިޔަފާރި އިތުރަށް ފުޅާކުރަން ނިންމައިފަ އެވެ. ނަމަވެސް އޭގެ މާބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.
ސްޓެލްކޯގެ އަހަރީ އާންމު ޖަލްސާގައި ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި ސިކްސްތް ޕަވާ ޑިވޮލޮޕްމަންޓް ޕްރޮޖެކްޓްގެ ގޮތުގައި 70 މެގަވޮޓްގެ ޕަވާޕްލާންޓެއް ގާއިމުކުރުމުގެ މަސައްކަތް ފެށުމަށް ނިންމި އެވެ.
އަދި ގްރޭޓާ މާލޭ އިންޓަކަނެކްޝަން ގްރިޑްގެ ފޭސް 2ގެ މަސައްކަތް ފަށައި، މާލެއާއި ވިލިމާލެއާއި ތިލަފުއްޓާއި ގުޅީފަޅު އެއް ވިއުގައަކުން ގުޅާލަން އަމާޒު ހިފި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ