މެމްބަރު ސައީދު ދޫކޮށްލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް-ޕީއެންސީން މިރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު ދޫކޮށްލައިފި އެވެ.
އިދިކޮޅު ލީޑަޝިޕާއި އެ ދެ ޕާޓީ އަށް ތާއީދުކުރާ މެމްބަރުން މިރޭ ވެސް މާލޭގެ މަގުތަކަށް ނިކުތީ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ލިޔެފައިވާ ތަފާތު ބޯޑުތައް ހިފައިގެންނެވެ. އެގޮތުން މިއީ އިންޑިއާ އިން ލިޔުނު ހުކުމެއް ކަމަށާއި ސަރުކާރުން ޖުޑިޝަރީ އަށް އަތް ބޭނުން ހުއްޓާލުމަށް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފަ އެވެ.
އިދިކޮޅުން ބުނީ މި މުޒާހަރާގެ ތެރެއިން 21 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މީގެތެރޭގައި މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު ހިމެނިވަޑައިގަންނަވާ އިރު އޭނާ ފަހުން ވަނީ ދޫކޮށްލާފަ އެވެ.
ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްޔެ އިއްވީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. ދައުވާތައް ސާބިތުވުމުން ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްތެރޭ ދެއްކުމަށް ވެސް އަމުރުކޮށްފަ އެވެ.
ޔާމީނަށް އިއްވި ހުކުމް ބަލައިނުގަނަން ނިންމާފައިވާ އިރު ޔާމީންގެ ވަކީލުން ވަނީ މި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމާފަ އެވެ. އަދި އިިސްތިއުނާފް މަރުހަލާ އިން ކާމިޔާބު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ވަކީލުން ބުނެ އެވެ.
މި ދައުވާތައް ސާބިތުވުމުން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް މިހާރު ވަނީ ބަންދުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ