އާރަށު މައްސަލައިގެ އަޑުއެހުމެއް ހޮނިހިރު ދުވަހު ބާއްވަނީ

ވ. އާރަށް ކުއްޔަށްދިނުމުގެ ހިންގިކަމަށް ބުނާ ހިޔާނާތުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ އަޑުއެހުމެއް އަންނަ ހޮނިހިރު ދުވަހު ބާއްވަން ކްރިމިނަލްކޯޓުން ތާވަލުކޮށްފިއެވެ.
އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާއާއި ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާއެވެ. އަދި މި މައްސަލާގައި ރައްޔިތުން މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރުން ޔޫސުފް ނައީމްގެ މައްޗަށްވެސް ދައުލަތުން ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.
މި މައްސަލާގައި މިހާރު ކުރިޔަށް ދަނީ ޔާމީންގެ ފަރާތްޕުޅުން ހުށައަޅާފައިވާ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ. ހެކި ބަސްނެގުމަށް މިއަދަށްވެސް އަޑުއެހުމެއް ތާވަލުކުރިއެވެ. އެހެންނަމަވެސް ޔާމީންގެ ބަލި ހާލަތު ހުރިގޮތުން އެމަނިކުފާނުގެ އެދިވަޑައިގަތުމުން މިއަދުގެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.
މި މައްސަލައިގެ އަޑުއެހުންތައް އަވަސްކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ އެދިފައެވެ. އެ އެގޮތަށް އެދިފައިވަނީ މިހާރު ކުރިޔަށްދަނީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާކަމަށްވެފައި އެއް ހެއްކަކު ދައްކާ ވާހަކަ ދެން ތިބި ހެކިންނަށް އެނގުމުން ހެކި އުފެއްދުމުގެ ފުރުސަތު ފަހިވެގެންދާނެތީކަމަށް ޕީޖީ އޮފީހުން ބުނެފައެވެ.
ދައުލަތުގެ ފަރާތުން މި މައްސަލާގައި ހުށައެޅި ހެކިންގެ ހެކިބަސް ދެ ދުވަހެއްގައި ނަގައިފިނަމަ ހެކި އުފެއްދުމުގެ ބިރު އޮތްކަމަށް ޔާމީންގެ ފަރާތްޕުޅުން ހުށައެޅުމުން ކޯޓުން ވަނީ ދައުލަތުން ހުށައެޅި ހެކިންގެ ހެކިބަސް އެއްދުވަހެއްގައި ނަގާފައެވެ.
މައްސަލަ ރައްދުވާ ފަރާތުން ހުށައަޅާފައިވާ ދިފާއީ ހެކިންގެ ހެކިބަސް އެއްދުވަހެއްގައި ނަގާދިނުމަށް ދައުލަތުގެ ވަކީލުންވެސް އެދުނެވެ. އެހެންނަމަވެސް މައްސަލަ ބައްލަވާ ކްރިމިނަލްކޯޓްގެ އިސް ގާޒީ އަހްމަދު ޝަކީލް ނިންމެވީ ފުރަތަމަ ދުވަހު އެކަކުގެ ހެކިބަސް ނެގުމަށްފަހު އެކަމަށް ހިނގާ ވަގުތު ބެލުމަށްފަހު ގޮތެއް ނިންމުމަށެވެ.
މި މައްސަލާގައި ރައީސް ޔާމީން ފަރާތްޕުޅުން 7 މީހެއް ހެކިންގެ ގޮތުގައިވަނީ ހުށައަޅާފައެވެ. މީގެތެރެއިން މިހާތަނަށް ހެކިބަސް ނަގާފައިވަނީ ރައީސް ޔާމީނާއި ގާތްގުޅުމެއް އޮންނަ މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝްގެ އެކަންޏެވެ. އޭނާގެ ހެކިބަސްދެމުން ބުނީ 1 މިލިއަން ޑޮލަރަށްވާ ފައިސާ އޭނާގެ އަތުން ގ. ދޫވެހީގައި ގުނާ އެ ފައިސާ ދެ ދަބަހެއްގައި ގެންގޮސް ޔޫސުފް ނައީމާއި ހަވާލުކުރިކަމަށެވެ. އިތުރަށް އެއްވެސް ކަމެއް އޭނާ ހަނދާނެތްކަމަށް ހެކިބަސް ދެމުން ނަރީޝްވަނީ ބުނެފައެވެ.
މި މައްސަލާގައި ދައުލަތުގެ ފަރާތުން ހެކިންގެ ގޮތުގައި ހުށައެޅި ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަދި ރައީސް ޔާމީންގެ އެންމެ ގާތް ބޭފުޅެއްގެ ގޮތުގައި ކުރިން ހުންނެވި އަހްމަދު ނާޒިމާއި އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ހެކިބަސް ވަނީ ނަގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ