ފިޔާގެ އަގަށް އަންނަ ހަފްތާގައި ހައްލު ލިބޭނެ: ހީނާ

ރާއްޖޭގެ ބާޒާރުގައި ފިޔާ ލިބުން ދަތިވެ، އަގު ބޮޑުވެފައިވާ މައްސަލައަށް އަންނަ ހަފްތާގައި ހައްލު ލިބޭނެކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސްގައި ހީނާ ވިދާޅުވި ގޮތުގައި، ފިޔާގެ ދަތިކަން ހައްލުކުރުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން މަސައްކަތްކުރަމުންދެއެވެ. މި ގޮތުން، އަންނަ ހަފްތާގެ ހޮނިހިރު ނުވަތަ އާދިއްތަ ދުވަހު އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް އިތުރު ފިޔާ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
"މިހާރު ދިމާވެފައިވާ ފިޔާގެ ދަތިކަމަކީ ވަގުތީ މައްސަލައެއް. އަޅުގަނޑުމެން އުއްމީދު ކުރަނީ އަންނަ ހަފްތާގެ ތެރޭގައި މި މައްސަލައަށް ހައްލު ލިބޭނެ ކަމަށް،" 
ހީނާ ވިދާޅުވިއެވެ.
ފިޔާގެ ދަތިކަން ދިމާވެފައިވަނީ އިންޑިއާގެ މޫސުން ގޯސްވުމުގެ ސަބަބުން ފިޔާ ދަނޑުތަކަށް ލިބުނު ގެއްލުމާއި އެކްސްޕޯޓް ކުރުމުގައި ދިމާވި މައްސަލަތަކާ ގުޅިގެންނެވެ. އިންޑިއާއަކީ ރާއްޖެއަށް ގިނައިން ފިޔާ އެކްސްޕޯޓްކުރާ މައިގަނޑު ޤައުމެވެ.
ހީނާ އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރުން މި މައްސަލައަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައި، އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދެއެވެ. އަދި ރައްޔިތުންނަށް ކުރިމަތިވެފައިވާ މި ދަތިކަމަށް އަވަސް ހައްލެއް ގެނައުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ