އަރުޝަދުގެ ބޭބެ މުޖާހިދު ދޫކޮށްލަންކުރި އަމުރު ހައި ކޯޓުން ބާތިލް ކޮށްފި
މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި އަތުލައިގަތް 119 ކިލޯ ޑްރަގު މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އެކަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުން ބާތިލްކޮށް, އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފިއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 12 ވަނަ ދުވަހު ބުރުޒު މަގުން ޓެކްސީއެއް ބަލައި ފާސްކުރުމުން މަސްތުވާތަކެތި އަޅާފައިހުރި 28 ރަބަރު ޕެކެޓު ފެނުނު މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ, ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކޮށްފައިވާ ގދ. ހޯޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދުގެ ބޭބެ, އަޙްމަދު މުޖާހިދެވެ. ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ޝަރީޢަތް ނިމެންދެން މުޖާހިދު ބަންދުކޮށްފައިވަނިކޮށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާ ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލައިފައެވެ. އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު މައްސަލަ ނިންމައި މިއަދު ހުކުމް ކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލް ކުރުމަށެވެ. ފުރަތަމަ ފަހަރަށް ކްރިމިނަލް ކޯޓުގައި އެއް ފަނޑިޔާރަކު ކުރިއަށް ގެންދިޔަ އެ މައްސަލައިގެ ހުކުމުގައި ބުނެފައިވަނީ, އޭނާ ބަންދުން ދޫކޮށްލާފައިވަނީ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބުތަކަށް ބަދަލު އައިސްފައި ނުވަނީސް ކަމަށެވެ. އެހެންކަމުން ފަނޑިޔާރު މުހައްމަދު ނިޔާޒު ކުރެއްވި ހުކުމުގައި ވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބަތިލްކޮށް، ޝަރީއަތް ނިމެންދެން މުޖާހިދު ބަންދުގައި ބެހެއްޓުމަށް މީގެ ކުރިން ކޮށްފައިވާ ހުކުމަށް ތާއިދު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ