3 ނޮވެމްބަރ، 1988ގައި ރާއްޖެއަށް ޤައްދާރުވި ދިވެހި ޚާއިނުންތަކެއް ބޭރުގެ ބަޔަކާއެކު ރާއްޖެއަށް އައިސް ހިންގި އުދުވާނުގައި، ދިވެހި ޤައުމުގެ ދިފާއުގައި ހަނގުރާމަކޮށް ޝަހީދުވި ކޯޕްރަލް ޝަހީދު ޙުސައިން އާދަމްގެ ހަނދާނުގައި ކުޅުދުއްފުށީ ސިޓީގައި ހަނދާނީ ބިނާއެއް ހަދަން ނިންމައިފިއެވެ
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ވަނީ ކުޅުދުއްފުށީ ސިޓީގައި ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާއެއް ހެދުމަށްޓަކައި، ޝަހީދު ޙުސައިން އާދަމްގެ ހަނދާނީ ބިނާ ފަރުމާކުރުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލާ ކަމަށެވެ.
އެކައުންސިލްގެ އިއުލާނުގައި ވަނީ ފަރުމާކުރާއިރު ސަމާލުކަންދޭންޖެހޭ ކަންކަން ބަޔާންކޮށްފައެވެ.
އެގޮތުން މިބިނާ ހުންނަންވާނީ ހުސައިން އާދަމްގެ ޖިހާދު ރަމްޒުކޮށްދޭ ފަރުމާއަކަށް ކަމަށާއި ފަރުމާކޮށްފައި ހުންނަން ވާނީ ބާޒާރުން ފަސޭހައިން ލިބޭ ދިގު މުއްދަތައް ދެމިހުންނަ ތަކެއްޗާއި އާލާތްތަކުން ހެދޭ ގޮތަށް ކަމަށްވެސް ކައުންސިލްގެ އިއުލާނުގައިވެއެވެ.
އަދި ފަރުމާ ވާންވާނީ ބަލާލަން ރީތި، އިސްލާމްދީނާއި އާންމު އިޖްތިމާއީ މިންގަނޑުތަކަށް ފެތޭ ފަރުމާއަކަށް ކަމަށް އިއުލާނުގައިވެއެވެ.
މިބިނާ ބެހެއްޓުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ އާންމު ސަރަހައްދެއްގައި ކަމަށް ސިޓީ ކައުންސިލްގެ އިއުލާނުގައި ވެއެވެ.
މިކަމަށް ހުށަހެޅޭ ފަރުމާތަކުގެ ތެރެއިން އެންމެ ފުރިހަމަ ފަރުމާއަކަށް އިނާމުގެ ގޮތުގައި 5000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
ފަރުމާ ހުށަހެޅުމުގެ ސުންގަޑިއަކީ 25 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ މެންދުރުފަހު ފަހު 02:00އެވެ.
މިބިނާ ފަރުމާ ކުރުމަށްފަހު، ސޮފްޓްކޮޕީތައް (ކޮރަލްޑްރޯ، އޮޓޯކެޑް ނުވަތަ ސްކެޗަޕް) ކައުންސިލަށް މެއިލް ކޮއްދެއްވުމަށް ކައުންސިލުން އެދެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އީމެއިލް އެޑްރެހަކީ [email protected]އެވެ.
ކޯޕްރަލް ޙުސައިން ޢާދަމް އުފަންވީ 1968 ވަނަ އަހަރު ހދ. ކުޅުދުއްފުށީ މާވާގޭގައެވެ. އޭނާ ސިފައިންގެ ޚިދުމަތާ ގުޅުނީ 9 މެއި 1984 ގައެވެ. 1986 ވަނަ އަހަރު ސިފައިންގޭގައި އެންމެ ފުރަތަމަ ޓާސްކްފޯސް ކޯހުގައި ބައިވެރިވެ އެތަމްރީން ފުރިހަމަ ކުރިއެވެ. ފުރަތަމަ މަސައްކަތް ކުރީ ޑިއުޓީ ސެކްޝަނުގެ ފޯރިމަރާ ބައިގައެވެ. އެއަށްފަހު 6 ޖޫން 1987 އިން ފެށިގެން މަސައްކަތް ކުރަމުން ގެންދިޔައީ ޓާސްކްފޯސް ގައެވެ. ސިފައިންގެ ޙިދުމަތުގައި 4 އަހަރާއި 5 މަސް ހޭދަކުރިއެވެ. ޝަހީދުވިއިރު އުމުރަކީ 20 އަހަރެވެ.
3 ނޮވެމްބަރ 1988ގެ ޢުދުވާނީ ހަމަލާގައި ދުޝްމަނުންގެ ފަރާތުން ފުރަތަމަ ހަމަލާ ދޭއިރަށް ކުޅަދާނަ ޙުސައިން ޢާދަމް އޭގެ ރައްދު އެވަޒަން އައި ދިމާލަށް ދިނެވެ. އޭރު އޭނާ ހުރީ ސިފައިންގެ މައި ގޭޓް ހުޅަނގުފަރާތުގައި ފޯރިއަށެވެ. ކަވަރު ނެގުމަށްޓަކައި އޭނާ ވަނީ ހުޅަނގުފަރާތުގައި ހުރި ސެނގަރު ތެރެއަށެވެ. ނަމަވެސް ޙުސައިން ޢާދަމް ދުޝްމަނުންނަށް ކެނޑިނޭޅި ހަމަލާތައް ދެމުންދިޔައެވެ. ނިކަން ހުޝިޔާރު ކަމާއި ޖެހިލުންކުޑަ ކަމާ އެކުގައެވެ. އޭރު ސިފައިންގެ ތެރޭގެ ދިފާއީ ޑިއުޓީ ޕޮއިންޓްތަކަށް މީހުން ބަހާލައި ކަންތައްތައް ހަމަޖައްސާލަން ފުރުޞަތު ލިބުނީ ކުޅަދާނަ ޙުސައިން ޢާދަމްގެ ސަބަބުންނެވެ.
މާލަސްތަކެއް ނުވެ ޙުސައިން ޢާދަމް ގެ އަތުން ވަޒަން ހުސްވިއެވެ. އެހެންނަމަވެސް އޭނާ ގޮވަމުންދިޔައީ އިތުރު މެގަޒިނެއް ދިނުމަށެވެ. އޭރުވެސް ހުރީ އެވަރުގަދަ އަޒުމަށް ބަދަލެއް ނައިސް މަތިވެރި އަޒުމުގައެވެ. ނަމަވެސް ދުޝްމަނުންގެ ހަމަލާތަކުން އެރި ވަޒަން ތަކުން ޙުސައިން ޢާދަމްގެ މެޔާއި ހަށިގަނޑު ދިމަދިމާއިން ފޫއަޅުވައިލިއެވެ. އެހިނދު މިފަސްގަނޑު ދޫކޮށް ސިފައިންގެ މައި މަރުކަޒުގެ ފާރު އޭނާގެ ޝަހީދީ ލެއިން ތެންމާލައި، ޝަހީދުވީ އަބަދުގެ އަބަދަށް ދިވެހި ސިފައިންނަށް ފަޚްރުވެރި ނަމެއް ހޯދައިދީފައެވެ.
މިލޮބުވެތި ވަޠަން މިނިވަންކަމަށްޓަކައި ކުރަމުންދިޔަ މަތިވެރި ޖިހާދަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދީފައެވެ. އެ އުދުވާނީ ހަމަލާގައި ގައުމުގެ ބަޠަލެއްގެ ޝަރަފުވެރިކަމާއިގެންނެވެ. ކޮންމެ ސިފައިންގެ މީހަކަށް ވެސް ނަމޫނާއެއް ދައްކައިދީ، ފަޚްރުވެރި ތިން މެޑަލް ކާމިޔާބު ކޮށްފައެވެ.
ޝަހީދު ޙުސައިން އާދަމްގެ ހަނދާނީ ބިނާއެއް ކުޅުދުއްފުށީގައި އަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ