އިއާދަކުރަނިވި ހަކަތައިގެ އިންވެސްޓްމަންޓްތަކަށް އެއްބާރުލުން ދިނުމަށް އެދިއްޖެ

އިއާދަކުރަނިވި ހަކަތައިގެ އިންވެސްޓްމަންޓްތަކަށް ޚަރަދު ކުޑަކޮށް މާލީ އެހީތެރިކަން ހޯދުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއްބާރުލުން އެންމެ ފުރިހަމަގޮތުގައި ދިނުމަށް ދިވެހިރާއްޖެއިން އައިރީނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިމިނަތު ޝަބީނާ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ އައިރީނާ ރެޕްރެޒެންތޭޓިވުންގެ ނުވަވަނަ އިއާދަކުރަނިވި މަޝްވަރާތަކުގައެވެ.
މި މަޝްވަރާގައި ޝަބީނާ ވަނީ ދިވެހިރާއްޖެއަކީ ނާޒުކު ކުޑަ ޖަޒީރާ ޤައުމެއް ކަމަށާއި، އިއާދަކުރަނިވ ހަކަތައިގެ އިންވެސްޓްމަންޓްތަކަށް އަދި ހިލޭ އެހީ އާއި، ޚަރަދު ކުޑަކޮށް މާލީ އެހީތެރިކަން ހޯދުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއްބާރުލުން އެންމެ ފުރިހަމަގޮތުގައި ދިނުމަށް އެދިވަޑައިގެންފައެވެ.
ޒީރޯ ކާބަން ލަނޑުދަނޑިތައް ހާސިލު ކުރުމުގައި ކުދި ޖަޒީރާ ޤައުމުތަކަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝަބީނާ ވަނީ ޒީރޯ ކާބަންގެ ލަޑުދަނޑިއަށް ވާސިލްވުމަށް ކުދިޖަޒީރާ ޤައުމުތަކަށް އަދި ޚާއްސަކޮށް ދިވެހިރާއްޖެއަށް ހުރ ގޮންޖެހުންތަކާ ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ.
އެގޮތުން 2030ގެ ނިޔަލަށް ކާބަން ބޭނުންކުރުން ހުއްޓާލުމަށް ޕެރިސް އެގްރީމަންޓްގައި ރާއްޖެ އެއްބަސްވެފައިވާ ލަނޑުދަނޑިއަށް ވާސިލްވުމަށްޓަކައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު ރާއްޖެއިން އިތުރު ކުރަމުންދާ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
އެގޮތުން، މިހާތަނަށް 36.5މެގަ ވޮޓްގެ ސޯލާ ޕީވީ ހަރުކޮށް އިތުރު 50މެގަވޮޓްގެ ޕީވީ ހަރުކުރުމުގެ މަސައްކަތް ކުރިއަށް ދާކަމުގައި ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އެކަމަނާ ވަނީ ރާއްޖޭގައި ބޭނުންކުރަނީ އިރުގެ އަވިންނާއި ވައިން އުފައްދާ ހަކަތަ ކަމަށާއި، މި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް ވިޔަފާރި އުސޫލުން ބާޒާރުން ލިބެން ހުރި އަދި ޓެސްޓްކޮށް ބޭނުންކުރަން އެކަށޭނެ ވަސީލަތްތައް ކަމުގައި ކަށަވަރުވެފައިވާ ހަކަތައިގެ ބާވަތްތައް ކަމުގައި ވިދާޅުވެފައެވެ.
ކަނޑަކީ ރާއްޖޭގެ ބޮޑު ބައެއްކަމުގައި ވާއިރު، ކަނޑުން އުފައްދާ ހަކަތަ ބޭނުނ ކުރެވޭވަރަށް އެ ޓެކްނޮލޮޖީ ކުރިއަރައިފިނަމަ އެއީ، ރާއްޖެއަށް އެކަމުގައި ފައިދާތަކެއް ކުރާނެ، ހާސިލްކުރަން ބޭނުންވާ ނެޓް-ޒީރޯ ލަނޑުދަޑިއަށް ވާސިލްވުމަށް މަގުފަހިވެގެން ދާނޭ ކަމެއްކަމުގައި ޝަބީނާ ވިދާޅުވިއެވެ.
އަދި ދުނިޔޭގެ ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް ތާރީޚުގައި ވެސް އެންމެ މަތީ ދަރަޖައިގައި ދޫކުރެވެމުންދާ ކަމަށާއި އަދި މިހާރު އިތުރުވަމުން ދާކަމީ، މޫސުމަށް އެއާ ގުޅިގެން އަންނަ ނޭދެވޭ އަސަރުތަކުގެ ސަބަބުން އިޤްތިސާދާއި މުޖުތަމަޢުތައް ހަލާކުވަމުންދާ ކަމެއްގެ ގޮތުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ