އެއްވެސް ބާވަތެއްގެ ސްކޭމެއްގައި ރައްޔިތުން ނުޖެހޭތި

އެއްވެސް ބާވަތެއްގެ ސްކޭމެއްގައި ރައްޔިތުން ނުޖެހުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައިފި އެވެ.
ގާސިމް މިހެން ވިދާޅުވެފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ގާސިމްއާ ގުޅޭގޮތުން ހަދާފައިވާ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާތީ އެވެ.
އެކަމާ ގުޅިގެން ގާސިމް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ނަމުގައި ފަތުރަމުންދާ އޯޑިއޯ، ވީޑިއޯ ކްލިޕްތަކަކީ ރައްޔިތުންގެ ތެރެއިން ބަޔަކަށް އޮޅުވާލާ، ޒަމާނީކޮށް ސްކޭމް ކުރުމުގެ ބޭނުމުގައި ހިންގަމުންދާ އޮޅުވާލުމުގެ ދަށު ދަރަޖައިގެ ޢަމަލުތަކެއް ކަމަށެވެ.
"އެހެން ކަމުން މިފަދަ އެއްވެސް ބާވަތެއްގެ ސްކޭމެއްގައި، ދިވެހި ލޮބުވެތި އެއްވެސް ރައްޔިތަކު ޖެހިވަޑައިނުގަތުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވަނީ އެއްވެސް ރައްޔިތަކު އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ތައްޔާރުކޮށްފައި ހުންނަ ހަޤީޤަތެއް ނެތް ވީޑިއޯ ކްލިޕް ފަދަ ތަކެތި ސޯޝަލް މީޑިއާގެ އެކި މަންސަތަކާއި، އެކި ވައިބާ ގްރޫޕްތަކާއި، ވަޓްސްއެޕް ގްރޫޕްތަކުގައި، ޝެއާކޮށް ހެދުމުން ދުރުވުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.
މިފަދަ ބައެއް ވީޑިއޯތަކަކީ ހަޤީޤަތެއް ކަމަށް ހީކޮށް ބައެއް ފަރާތްތަކުން އެއީ ތެދުތޯ ބަލާލަން އޭނާއަށް ވެސް ބައެއް ފަހަރު އެފަދަ ކްލިޕްތައް ފޮނުވަމުންދާތީ މިކަމުގެ ހަޤީޤަތް ހާމަކުރަން ބޭނުންވީ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ