ރާއްޖެއަށް އެންމެ ފައިދާ ވާނީ ބައިނަލްއަޤްވާމީ ދުނިޔެއާ ގުޅިލާމެހުނު ވަރަކަށް: ރައީސް

ރާއްޖެއަށް އެންމެ ފައިދާ ވާނީ ބައިނަލްއަޤްވާމީ ދުނިޔެއާ ގުޅިލާމެހުނު ވަރަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރޭ ނިއުޔޯކަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާތަކާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ މި ދަތުރުފުޅުގައި އދ ގެ އާންމު މަޖިލީހާ އަދި އެކިއެކި ބައްދަލުވުންތަކުގައި ގައުމަށް މުހިންމު ކަންކަމުގައި ރާއްޖޭގެ ބަސް އިއްވަވާނެކަމަށެވެ.
އެގޮތުން ރާއްޖެއަށް ފައިދާކުރަނިވި އެކިއެކި ކަންތައްތައް ކޮށްދެވިދާނެ ފަރާތްތަކާއި ގިނަގިނައިން ބައްދަލުކުރައްވައި އެކުގައި މަސައްކަތް ކުރެވެންޖެހޭކަމަށާއި އަދި މިވަގުތު ރާއްޖޭގެ ހާލަތު އޮތްގޮތުންވެސް އދ އަށް ވަޑައިގެން ރާއްޖޭގެ ފަރާތުން ދައްކަވަންޖެހޭ ވާހަކަތައް ދެއްކެވުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ތިމާވެއްޓާއި ޓެކްނޮލޮޖީއާ ތަރައްޤީއާ ގުޅޭކަންކަންކަމާއި ރާއްޖޭގެ ކުރިމަގަށް މުހިންމު ކަންމުގެ ވާހަކަދައްކަވައި އދ އާއި އެކިއެކި ޤައުމުތަކާއި އެކިއެކި ޖަމާޢަތްތަކުގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ލިބުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ.
ރައީސް ވަނީ އެމަނިކުފާނުގެ މި ދަތުރުފުޅަކީ ގައުމަށް ވަރަށް ފައިދާހުރި އަދި އޭގެ ނަތީޖާ ކުރިޔަށް އޮތް ތަނުގައި ލިބިގެންދާނެ ދަތުރުފުޅަކަށް ވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ