ރާއްޖޭގެ ހުރިހާ އިމާމުންނާ އެކު މަހާސިންތާއެއް

500 އިމާމުންނާއެކު، ރާއްޖޭގައި ފުރަތަމަ ފަހަރަށް އިމާމުންގެ މަހާސިންތާ މިއަދު ފަށައިފިއެވެ.
އެއް ދުވަހަށް ކުރިއަށް ގެންދާ މި މަހާސިންތާގައި 500 އިމާމުން ބައިވެރިވެފައިވާއިރު، މިއީ މިހާރު ރާއްޖޭގައި ތިބި ހުރިހާ އިމާމުން ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. މި މަހާސިންތާގައި މިސްކިތްތަކުގެ 208 އިމާމަކު ބައިވެރިވެފައިވާއިރު، އޮންލައިންކޮށް 300 އިމާމުން ވަނީ ބައިވެފައެވެ.
މިއަދު ހެނދުނު އިސްލާމިކް މިނިސްޓްރީގައި ފެށި މި މަހާސިންތާ ފައްޓަވާދެއްވީ، އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
އިމާމުންގެ މަހާސިންތާގައި ބައިވެރިވި އިމާމުންނާއި މިނިސްޓްރީގެ ބޭފުޅުން-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މި މަހާސިންތާގައި ތަޖުވީދު އިލްމު، ތަފްސީރު، ފިގްހު، ހަދީސް، އަގީދާ، އިލްމީ މައުލޫމާރު، އިމާމުން އިތުރަށް ތާޒާ ކުރުމުގެ އިތުރުން މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އިމާމުން އަދާ ކުރަން ޖެހޭ މަސްއޫލިއްޔަތު އަދާ ކުރުމުގައި ހުރި ގޮންޖެހުންތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެވިގެންދާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި މަހާސިންތައަކީ ވަރަށް ބޮޑު ހެޔޮކަމެއްގެ ފެށުން ކަމަށާއި މަހާސިންތާގައި މަޝްވަރާ ކުރެވިގެން ނިމިގެންދާ ކަންކަންތައްތައް ލަސްތަކެއް ނުވެ ތަންފީޒު ކުރައްވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މިފަދަ މަހާސިންތާއެއް ބާއްވާއިރު، އިމާމުންގެ އާ އޮނިގަނޑު ވީހިސާބެއް ބަލަން ހުރިހާ އިމާމުން ވެސް ބޭނުންވާނެ ކަމަށެވެ. އެހެން ކަމުން މިނިސްޓަރު ވަނީ އިމާމުންގެ އޮނިގަނޑުގެ މައުލޫމާތު ވެސް ހިއްސާކޮށްފައެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ، އިމާމުންގެ އޮނިގަނޑަށް އެއްވެސް ހައްލެއް ނައިސް އޮތީ އޮތްތަނުގައި ކަމަށެވެ. ނަމަވެސް އެ މަސައްކަތް ފެއްޓެވީ މީގެ ކުރިން މިނިސްޓަރުގައި ހުންނައިގެންކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ، އެ އޮނިގަނޑު ހައްލު ކުރުމަށް ޝައުގުވެރިކަން ހުރި ކަމަށެވެ.
މި މަހާސިންތާގައި ސަރުކާރުން އަލަށް ފެށި ޒުވާން ހަތީބުން ޕްރޮގްރާމް ފުރިހަމަ ކޮށްފައިވަ ޒުވާން ހަތީބުން ބައިވެރިވާތީ މިނިސްޓަރ ވަނީ އެކަން ވަކިން ހާއްސަކޮށް ފާހަގަ ކޮށްފައެވެ. އަދި އެކަމުން އެނގިގެން ދަނީ ރާއްޖޭގެ މުސްތަގުބަލު އުޖާލާވާނެ ކަމުގެ ހެއްކެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ